ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް، ގާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި، ކުރީގެ ވަޒީރުންނާއި، ދުސްތޫރީ މާހިރުން ހިމެނޭ ގްރޫޕަކުން ގޮވާލަން ފަށައިފިއެވެ. އެ ބޭފުޅުން ވަކާލާތު ކުރައްވާ ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމަކީ ސިޔާސީ ހަމަޖެހުން ވަރުގަދަވެ، ޖަވާބުދާރީވުން އިތުރުވެ، ފަހުގެ ސަރުކާރުތަކުގައި ފެނިގެންދިޔަ ހަލަބޮލިކަން ކުޑަވާނެ ކަމެކެވެ.
"ޕޮލިސީ އެމްވީ" އިން "ޕޮލިސީ ސްޕެޝަލް" ގެ ނަމުގައި ބޭއްވި ފޯރަމެއްގައި ކުރީގެ ބަންޑާރަނައިބުންނާއި، ކުރީގެ ވަޒީރުންނާއި، ކުރީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައެއް ތަފްސީލުތަކުގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެ ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވި މައިގަނޑު ނުކުތާއަކީ، މިހާރު އޮތް ވަކިވަކި އިންތިޚާބުތަކުގެ ނިޒާމުގެ ސަބަބުން ނުތަނަވަސްކަން އުފެދި، މުއައްސަސާތައް ބަލިކަށިވެ، ސަރުކާރުތަކަށް ހިންގުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމެވެ.
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ސަބަބުން ބާރުތައް ވަކިވެފައި އޮތް އޮތުން ބަލިކަށިވާ މަންޒަރު ރާއްޖެއިން ތަކުރާރުކޮށް ފެނިފައިވާ ކަމަށެވެ. އިންތިޚާބުތައް އެއްކޮށްލުމަށް ކުރީގެ ރައީސުންނާއި ކުރީގެ ބަންޑާރަނައިބުން ތާއީދުކުރައްވާފައިވާކަން ފާހަގަކުރައްވަމުން، އޭގެ ތެރޭގައި 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، މިދިޔަ މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް އޭނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފަދަ މަޖިލީހެއް އިންތިޚާބު ކުރުމުގެ ފުރުސަތު ވޯޓުލާ މީހުންނަށް ބޮޑުވާނެ ކަމަށެވެ. "ދެ ދައުރުގައިވެސް އަދި މިހާރުވެސް މިއޮތީ ސުޕަ މެޖޯރިޓީ މަޖިލީހެއް. މިހެންވުމުން ޖަވާބުދާރީވުން ބަލިކަށިވޭ. ސަރުކާރާއި މަޖިލިސް މާ ބޮޑަށް އެއްގޮތްވަނީ،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މިހާރު އޮތް އިންތިޚާބީ ބުރުގެ ސަބަބުން ގައުމު އަބަދުވެސް އޮންނަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށާއި، އެ ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށެވެ. 2008 ގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވިފައި ނުވަނީ، ވެރިކަން ހިންގުމަށް ހުރަސްއެޅޭ ގޮތަށް ތަކުރާރުކޮށް އަންނަ އިންތިޚާބުތަކާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"ފަސް އަހަރު ތެރޭގައި ތިން އިންތިޚާބު ބޭއްވުމަކީ ރައްޔިތުންނަށާއި ގައުމީ ތަރައްގީއަށް އޮތް ބުރައެއް،" އޭނާ ވިދާޅުވިއެވެ. "މިއީ ހަމައެކަނި ޚަރަދުގެ ވާހަކައެއް ނޫން. މިއީ އަބަދު އިންތިޚާބީ ފޯރީގައި އުޅެންޖެހުމުން އަންނަ ސިޔާސީ ހަލަބޮލިކަމުގެ ވާހަކަ." އާޒިމާ ވިދާޅުވިއެވެ.
އަޒީމާ ވިދާޅުވީ އިންތިޚާބުތައް މަދުވުމަކީ ޑިމޮކްރަސީ ބަލިކަށިވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މައިގަނޑު ދެ އިންތިޚާބު އެއްކޮށްލުމުން ޚާރިޖީ ސިޔާސަތާއި، ދަރަންޏާއި، ދިގު މުއްދަތުގެ ރޭވުންތައް މެނޭޖުކުރުމަށް ބޭނުންވާ ހަމަޖެހުން ގައުމަށް ލިބޭނެ ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. "އިންތިޚާބުތައް މަދުވިވަރަކަށް، ހަމަޖެހުން ބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.
ބާރުތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ގެއްލިފައިވާ ކަމުގެ ހެއްކެއްގެ ގޮތުން، ގާނޫނުއަސާސީއަށް އަވަސް އަވަހަށް ގެންނަ އިސްލާހުތަކާއި ސުޕްރީމް ކޯޓުގެ ބެންޗަށް ގެންނަ ބަދަލުތައް ދިޔާނާ ފާހަގަކުރެއްވިއެވެ. "ވޭތުވެދިޔަ 18 އަހަރު ތެރޭގައި ގާނޫނުއަސާސީ ހަތް ފަހަރު އިސްލާހުކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަހަރު ބަދަލުކޮށްފި،" އޭނާ ވިދާޅުވިއެވެ. "އިންތިޚާބު އެއްކޮށްލުމުން، މާ ބޮޑަށް ހަމަހަމަ މަޖިލީހެއް އައުމުގެ ފުރުސަތު ބޮޑުވޭ." ދިޔާނާ ވިދާޅުވިއެވެ.

އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނުއަސާސީގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫން ޖކަމުގައި ދިޔާނާ ދެކެވަޑައި ގަންނަވައެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ދިވެހި ދައުލަތުގެ އަސާސީ ސިފަތަކަށް ނުވަތަ ބާރުތަކުގެ އިންތަކާއި ހުދޫދުތަކަށް އެއްވެސް ބަދަލެއް މި އިސްލާހުގެ ސަބަބުން ނާންނާނެ ކަމަށެވެ.
"މިއީ އަދިވެސް ޔުނިޓަރީ ދައުލަތެއް އިނގޭތޯ މިބަދަލުގެނަޔަސް، މިއީ ޖުމްހޫރިއްޔަތެއް، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނީއެއް ނޫން، އެއްވެސް ބާރެއްގެ ހުދޫދަށް އުނިކަމެއް އަންނަނީއެއް ނޫން. ދެދުވަހު ބޭއްވިޔަސް އެއް ދުވަހު ބޭއްވިޔަސް އިނގޭތޯ ދެ އިންތިހާބެއް މިއޮންނަނީ. އަދިވެސް ރައީސްވެސް މަޖިލިސްވެސް ހޮވަނީ ވޯޓު އަޅައިގެން،" ދިޔާނާ ވިދާޅުވިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިންޑިއާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅަށް ދައްކާ މާލީ އުޒުރުތަކަކީ މާ ބޮޑުކޮށްލައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. 2023 ވަނަ އަހަރު ބޭއްވި ދެ އިންތިޚާބަށް ހިނގި 147 މިލިއަން ރުފިޔާއަކީ ގައުމީ ބަޖެޓާ އަޅާބަލާއިރު ކުޑަ މިންވަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އިންތިޚާބީ ޚަރަދުތަކުގެ 72 އިންސައްތައަކީ އިދާރީ ހިންގުމާއި މުވައްޒަފުންނަށް ހިނގާ ޚަރަދުތައް ކަމަށާއި، ދެ އިންތިޚާބު އެކުއެކީގައި ބޭއްވި ނަމަވެސް އެ ޚަރަދުތައް ކުޑަނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، މީގެ ސަބަބުން ސަލާމަތްކުރެވޭނީ ޖުމްލަ ޚަރަދުގެ ވަރަށް ކުޑަ މިންވަރެއް، ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންޑޭ އިތުރަށް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުގެ ހަގީގީ ފައިދާއަކީ ސިޔާސީ ހަލަބޮލިކަން ކުޑަވުމާއި، ވެރިކަން ހިންގުމަށް އިތުބާރު ހުރި މާހައުލެއް ގާއިމުވުން ކަމަށެވެ. އެކަށީގެންވާ ދިރާސާއެއް ކުރުމެއްނެތި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް އަވަސްވެގަތުމާ މެދު އޭނާ އިންޒާރު ދެއްވިއެވެ. އަދި މި ބަހުސް ބިނާވާންވާނީ ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ދިގު މުއްދަތުގެ މަސްލަހަތުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
މި ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއާ ތަފާތު ޚިޔާލެއް ފާޅުކުރައްވަމުން ވިދާޅުވީ، ވަކިވަކިން ބާއްވާ އިންތިޚާބުތަކުގެ ސަބަބުން، ދައުރުގެ މެދުތެރެއިން ސަރުކާރުގެ މަސައްކަތްތައް އަލުން ވަޒަންކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ކަމަށެވެ. ކޮންމެ ސަރުކާރަކަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ދިނުމަކީ، ތާރީޚީ ގޮތުން ބަލާއިރު މުއައްސަސާތަކުގެ މިނިވަންކަން ބަލިކަށިވެގެންދާ ކަމެއް ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. ނަމަވެސް، ދައުރުގެ މެދުތެރެއިން ބާއްވާ މަޖިލިސް އިންތިޚާބުގެ ދިފާއުގައި ވާހަކަދައްކަވަމުންވެސް، މިހާރު އޮތް ނިޒާމުގެ ތެރެއިން ތަކުރާރުކޮށް އުފެދިފައިވާ "ސުޕަރ މެޖޯރިޓީ" ތަކުގެ ސަބަބުން ގައުމަށް އެދެވޭ ފައިދާއެއް ކޮށްފައިނުވާކަން އޭނާ ގަބޫލުކުރައްވައެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސަށް އިންތިޒާމު ކުރެވުނު މި ފޯރަމުން ސާފުވެގެންދިޔައީ ދިވެހިރާއްޖެ މިހާރު އޮތީ ނިންމުމެއް އެކަމަކު ގޮތެއް ކަނޑައަޅަން ޖެހިފައިވާ ހިސާބެއްގައި ކަމެވެ. މިހާރު އޮތް ނިޒާމުގައި އުނިކަންތައްތަކެއް ހުރިތޯ ނުވަތަ ނޫންތޯ ކުރާ ސުވާލުގެ ވަގުތު މިހާރު ފާއިތު ވެއްޖެއެވެ. މިހާރު އޮތް ސުވާލަކީ، ގިނަ ދުސްތޫރީ މާހިރުން ވިދާޅުވާ ފަދައިން، އިތުރު ހަމަޖެހުމާއި، ސާފު ޒިންމާދާރުކަމާއި، އަދި ބާރުތައް ހަމަހަމައަށް ބެހިގެންދާނެ ފަދަ މޮޑެލްއެއް ބަލައިގަތުމަށް ގައުމު އޮތީ ތައްޔާރުތޯ ކުރެވޭ ސުވާލެވެ.
އޭޕްރީލް 4 ގައި ރައްޔިތުން ވޯޓުލާން ތައްޔާރުވަމުންދާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އޮތް ތާއީދު ދަނީ އިތުރުވަމުންނެވެ.
މި ބަހުސަކީ މިހާރު ހަމައެކަނި ސިޔާސީ ފަސޭހައަކަށް ކުރާ ބަހުސެއް ނޫނެވެ. މިއީ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ހަމަޖެހޭ މުސްތަގުބަލެއް ހޯދައިދިނުމަށް އަމާޒުކޮށްގެން އިސްލާހީ ބަދަލެކެވެ.
