ލޯފަން މީހުންނަށް ފުރައްސާރަކޮށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާރިޗު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ޖަލްސާގައި ޝާހިދު ވާހަކަދެއްކެވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަންލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ކަމަށެވެ.

އެ ކައުންސިލުން ފާހަގަކުރި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، އެފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ.
ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން މަލާމާތާއި ފުރައްސާރަ ކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ކައުންސިލުން ބުންޏެވެ. މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެބޭފުޅުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ހިތާމައާއެކު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކައުންސިލުން ވަނީ މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައި ކައުންސިލް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.


