ދިޔާނާއާއި އާޒިމާ އައްޑު އަށް: އިންތިޚާބުތަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގެ މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ފަށަނީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ޤާނޫނީ މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ހަރަކާތްތަކެއް މިއަދު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތްތަކުގައި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާނީ ރާއްޖޭގެ ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރާއި، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދެވެ.

މި ކެމްޕެއިން ހަރަކާތަކީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލައްވާ މުޝްރިފް އަލީގެ ކެމްޕެއިން ޓީމުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، އިންތިޚާބުތަކާ ގުޅޭގޮތުން ނަގާ އާންމު ވޯޓާ ގުޅޭގޮތުން ޤާނޫނީ ގޮތުން ކަން އޮތް ގޮތުގެ ސައްޙަ މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާތީ، އެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ހަރަކާތުގެ ދަށުން އައްޑޫ ސިޓީގެ އެކި އަވަށްތަކަށް ޚާއްސަކޮށްގެން ބައްދަލުވުންތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން، މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް މިއަދު ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގައި އޮންނާނެއެވެ. ހިތަދޫ ރައްޔިތުންނަށް ޚާއްސަ ބައްދަލުވުން މިއަދު މެންދުރުފަހު 14:00 ގައި ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހުޅުމީދޫގެ ރައްޔިތުންނަށް ޚާއްސަ އިވެންޓް އޮންނާނީ މިރޭ އެ ދެރަށުގައެވެ.

މުޝްރިފްގެ ކެމްޕެއިން ޓީމުން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޤާނޫނީ މާހިރުންގެ އެހީތެރިކަމާއެކު ޖަވާބު ހޯދައިދިނުމެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވެ، ޤާނޫނީ ވަކީލުންގެ ފަރާތުން ސައްޙަ މަޢުލޫމާތު އޮޅުންފިލުއްވުމަށް ކޮންގްރެސް ޕާޓީން ވެސް ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!