އީރާނުގެ ތަޢުލީމީ ނިޒާމާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ހަލާކުކޮށްލުމަށް ސޮލީބީ ސަހުޔޫނީ ބާރުތަކުން އަމާޒު ހިފާފައިވާ ކަމަށް އީރާންގެ މިނިސްޓަރ އޮފް އެޑިއުކޭޝަން ވިދާޅުވެއްޖެއެވެ. އީރާންގެ މިނިސްޓަރު ވިދާޅުވި ގޮތުގައި ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އީރާނުގެ 20 ޔުނިވަރސިޓީއަކަށާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ދުޝްމަނުން ވަނީ ސީދާގޮތުން ހަމަލާދީފައެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކުގެ ދަށުން ސައިންސާއި ތަޢުލީމީ ދާއިރާއަކީ ހަނގުރާމައިގެ އަމާޒަކަށް ވެގެންވާނެ ތަންތަން ނޫން ކަމަށް މނިސްޓަރ ވިދާޅުވެއެވެ. ނަމަވެސް، ސޮލީބީން މި އުސޫލުތަކާ ޚިލާފަށް ޔުނިވަރސިޓީތަކަށާއި ދަރިވަރުން ދިރިއުޅޭ ޑޯމިޓަރީތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ސޮލީބީ ހަމަލާތަކުގެ ސަބަބުން ބައެއް ޔުނިވަރސިޓީތަކަށާއި ރިސާޗް ސެންޓަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ސައިންސާއި އިލްމުގެ ބިންގަލަކީ އިމާރާތްތަކެއް ތަޅާލުމުން ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އީރާނުގެ ސައިންސަކީ މުއައްސަސާ ކުރެވިފައިވާ އަދި ވަރުގަދަ އޮނިގަނޑެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް. އިމާރާތްތަކަށް ހަމަލާދިނުމަކުން ސައިންސުގެ މަގު ހުއްޓުވައެއް ނުލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އީރާނުގެ ތަޢުލީމީ ވަޒީރު ޔަގީންކަން ދެއްވި ގޮތުގައި، ސޮލީބީ ދުޝްމަނުންގެ މިފަދަ ހަމަލާތަކާއެކުވެސް އީރާނުގެ ސައިންސާއި ޓެކްނޮލޮޖީގެ ދަތުރު ހުއްޓުމެއް ނެތި ކުރިއަށްދާނެއެވެ. އަދި އެގައުމުގެ އިލްމީ ގާބިލުކަން ހުރީ ހަމައެކަނި ފިޒިކަލް އޮނިގަނޑުތަކެއްގެ މައްޗަށް ނޫން ކަމަށާއި، އެއީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ ދާއިމީ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







