މާލޭގެ ގިނަ ވިޔަފާރިތަކަކުން މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދު އިއުލާނުކޮށްފި

މާލެ ސިޓީގެ މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، މާލެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން، އެމަނިކުފާނު އެންޑޯސްކޮށްފިއެވެ.

މޫސާ ޢަލީ ޖަލީލާއެކު މާލޭގެ ވިޔަފާރިވެރިން ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި، މާލެ ސަރަޙައްދުގައި ވިޔަފާރި ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ މޫސާ ޢަލީ ޖަލީލުގެ ސިޔާސަތުތަކަށް އިތުބާރު އޮތްކަން ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލެ ސަރަޙައްދުގައި ޕާކް ކުރުމަށް ދިމާވެފައިވާ ދަތިތަކާއި، މުދާ އުފުލުމާއި ގުދަން ކުރުމުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެވެ. ޚާއްޞަކޮށް މުދާ އަރުވާ ބޭލުމަށް އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ގެއްލުންވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރިއެވެ.

މީގެ އިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ ސަބަބުން މުދާ ސަޕްލައި ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ބޭނުންވާކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. މޫސާ ޢަލީ ޖަލީލު ވަނީ ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މޫސާ ޢަލީ ޖަލީލަށް ވިޔަފާރިވެރިންގެ ބޮޑު ތާޢީދެއް ލިބުމަކީ އިންތިޚާބުގައި އެމަނިކުފާނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ. މޫސާ އަލީ ޖަލީލަކީ ނަތީޖާ ނެރެދެއްވާ ސާބިތުކަމާއެކު އެއް އަމާޒަކަށް މަސައްކަތް ކުރައްވާ ޑިސިޕްލިންޑް ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހިއްސާ ކުރައްވާ!