އިއްޔެއާ ހަމައަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ހައިއަތު ތަހުރީރުއްޝާމްގެ ވެރިޔާ އަބޫ މުޙައްމަދު އަލްޖައުލާނީ އަކީ މިހާރު، ހުޅަނގުގެ ޤައުމުތަކުގައި ޢިއްޒަތްތެރިއެކެވެ.
ސީ.އައި.އޭ އަދި މޮސާޑްގެ އެހީތެރިކަމާއެކު ސޫރިޔާގެ ވެރިކަމަށް އައިކަމަށް ތުހުމަތު ކުރެވޭ ގޯލާނީ، ކުރަމުންދާ ރަސްމީ ދަތުރުފުޅުތަކުގައި ފެނިގެންދަނީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އޭނާ ދާދިފަހުން ފެނިގެންދިޔައީ ގާތްގަނޑަކަށް 145,000 ޔޫރޯ (2.4 މިލިއަން ދިވެހި ރުފިޔާ) އަށްވުރެ އަގުބޮޑު 'ޕަޓެކް ފިލިޕް 5236P' (Patek Philippe 5236P) މޮޑެލްގެ އަތްކުރީ ގަޑިއެއް އަޅައިގެން ހުއްޓައެވެ.
އިއްޔެއާ ހަމައަށް ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރެއްގެ ގޮތުގައި ހުރި ގޯލާނީ، މިއަދު ހުޅަނގުގެ ބޮޑެތި ބާރުތަކުގެ މެހެމާނަކަށް ވެގެންދިއުމަކީ ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. ޚާއްޞަކޮށް، ސޫރިޔާގެ މުސްތަޤްބަލާ ގުޅޭގޮތުން ހުޅަނގުން ގެންގުޅޭ ދެފުށްގެރޭ ސިޔާސަތު މިކަމުން ހާމަވާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހައިއަތު ތަހުރީރުއްޝާމްގެ ވެރިޔާގެ ގޮތުގައި ހަރަކާތްތެރިވި ޖައުލާނީ ދަނީ ސޫރިޔާގެ މަސްރަޙުގައި އޭނާގެ މަޤާމު ވަރުގަދަކޮށް، ބައިނަލްއަޤްވާމީ ދުނިޔޭގައި އޭނާއަކީ "ބަދަލުވެފައިވާ" އަދި "އިސްލާހީ" ފަރާތެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭނާގެ ފަހަތުގައި ހުރި ޖާސޫސީ އިދާރާތަކުގެ މަސްލަޙަތާއި، ކުއްލިއަކަށް ފެނިގެންދިޔަ މި މުއްސަނދިކަމާ މެދު ސޫރިޔާގެ ރައްޔިތުންނާއި ދުނިޔޭގެ ސިޔާސީ މުޙައްލިލުން ދަނީ ސުވާލު އުފައްދަމުންނެވެ.







