ސަހުޔޫނީ ސޮލީބީ ފިކުރު ކުރިއަރުވާ ކަމުގެ ތުހުމަތުތަކާއެކު މިޝާރީ ރާޝިދު އަލްޢަފާސީއަށް ފާޑުކިޔަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކޮށްފައިވާ ސޮލީބީ ޕޯސްޓެއް މިޝާރީ ރާޝިދު އަލްޢަފާސީ އަލުން ފޯސްޓުކޮށް ފެތުރުމުން މުސްލިމުންނާއި ފަލަސްޠީނަށް ތާއީދު ކުރާ މީހުން އޭނާއާ ދެކޮޅަށް ފާޑު ކިޔަމުން ދެއެވެ. އަލްއަފާސީއަކީ ރީއްޗަށް ޤުރުއާން ކިޔަވާ ކުވެއިތަށް ނިސްބަތްވާ ޤާރީއެކެވެ.

އޭނާ ވަނީ އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ކޮށްފައިވާ ހަރުކަށި ސޮލީބީ 2 ޕޯސްޓެއް ދެ ފަހަރެއްގެ މަތިން ފަތުރާފައެވެ.

މުސްލިމުންނާއި ފަލސްޠީނަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ އޭނާއަކީ ސަހުޔޫނީ ސޮލީބީ ފިކުރު ފެތުރުމަށާއި އެ ފިކުރު ކުރިއަރުވަން މަސައްކަތްކުރާ  ފަރާތެއް ކަމަށެވެ. އަދި އޭނާ ޤުރުއާން ކިޔަވާ ރެކޯޑިން ޑިލީޓް ކުރުމަށް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.

އޭނާ އެމެރިކާއަށް ތާއީދުކޮށް އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ގެންގުޅޭ ބަސްމަގާ ދެކޮޅަށް އަމާޒުވި ތުހުމަތުތަކަށް އެކްސްގައި އޭނާ ވަނީ ރައްދު ދީފައެވެ.

އެކްސް މެދުވެރިކޮށް އިނގިރޭސި ބަހުން ރައްދު ދެމުން އަލްޢަފާސީ ބުނެފައި ވަނީ، މިއީ އޭނާއަށް އަމާޒުކޮށް ބޭރުން ރޭވިގެން އިނގިރޭސި ބަހުން ހިންގާ "ނިޒާމީ ކެމްޕޭނެއް" ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބީ އީރާނާއި އިޚްވާނުލް މުސްލިމީނަށް ތާއީދުކުރާ ފަރާތްތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އާންމު ގޮތެއްގައި ވައްހާބީ ފިކުރުގެ މީހުން ހުރިހައި ކަމެއް ވެސް ޖަހާނީ އީރާނާއި އިޚުވާން ނޫނީ އިސްލާމިކް ބްރަދަރހުޑު ބޮލަށެވެ.

އަފާސީ ބުނެފައި ވަނީ، ކުވައިތާއި ގަލްފުގެ ގައުމުތަކުގެ ދިފާއުގައި އޭނާ ސާބިތުވެ ހުންނާނެ ކަމަށެވެ. އޭނާ ބުނަނީ، އީރާނުން ދޭ ހަމަލަތައް އިސްރާއީލަށްވުރެ ބޮޑަށް ގަލްފުގެ ގައުމުތަކަށް އިތުރަށް އަމާޒު ކުރާ ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި އީރާނަށް އެމެރިކާއިން ދޭ ހަމަލަތައް ދެނީ އަރަބި ގައުމުތަކުން އެމެރިކާ ސިފައިންނަށް ފަހިކޮށްދީފައިވާ އަސްކަރީ މަރުކަޒުތަކުން އަންނަ އަރަބިންގެ ތެޔޮ އަޅައިދީފައި ފޮނުވާ ބޯޓުތަކުން ކަމަށެވެ.

އަފާސީއަކީ އީރާނުގެ ޝިޔައީ މަޒުހަބާ ދެކޮޅަށް ގިނަ ޕޯސްޓްތައް ކުރާ ދެކޮޅު ވެރިއެކެވެ. އަދި އޭނާގެ ކުރީގެ ޕޯސްޓެއްގައި ބުނެފައި ވަނީ އިސްލާމީ ޖުމްހޫރިއްޔާއަށް ވުރެން ބޮޑަށް އިސްރާއީލުގެ ދީންވެރިކަން ރަނގަޅު ކަމަށެވެ. އަދި ޔަމަނަށް ބޮން އަޅަން އޭނާ ދިޔަ ކަމަށްވެސް މީހުން ބުނެ ތުހުމަތު ކުރެއެވެ.

މީގެއިތުރުން، އީރާނުގެ ސިޔާސަތުތަކާ ދެކޮޅުވުމަކީ އިސްރާއީލަށް ތާއީދުކުރުން ނޫންކަން އަފާސީ ފާހަގަ ކުރެއެވެ. އަދި ފަލަސްތީނާއި ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނާ އޭނާ ދެކޮޅުކަން ހާމަކުރެއެވެ. ނަމަވެސް ޣައްޒާ ބަނޑަށް ޖައްސައި ނަސްލު ނައްތާލުމަށް އެމެރިކާ އަޑީގައި އޮވެގެން ޔަހޫދީން ހިންގި އުދުވާނުގައި އަރަބިންނަކީ ބަސްބުނަން ނުކެރިފައި ތިބި ބަޔެކެވެ. އަފާސީވެސް އަދި އެހެން މުއްލާއިން ވެސް ވަނީ ހަމާސް ކުށްވެރިކޮށް އެމީހުން ދީނުން ބޭރުކޮށް ވާހަކަ ދައްކާފައެވެ.

އަފާސީއަށް ފާޑު ކިޔާ ފަރާތްތަކުން ދެކެނީ ބައިބައިވުން އުފެދޭ ފަދަ ސިޔާސީ ފިކުރެއް އޭނާ ފަތުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!