އއ. ރަސްދޫގެ "ރަސްކަން" ޕީއެންސީއަށް

އއ. ރަސްދޫގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށް، އެ ރަށުގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މިއީ ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ހިނގަން ފެށިފަހުން، އެމްޑީޕީއަށް މި ރަށުން ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ރަސްދޫ ކައުންސިލްގެ 3 ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ރަސްދޫގައި އެމްޑީޕީއާ ވާދަކޮށް ކައުންސިލް ގޮނޑިއެއް ކާމިޔާބު ކުށްފައިވަނީ ހަމައެކަނި ޑީއާރްޕީއަށެވެ.

ރަސްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަހުމަދު ވަހީދު އެވެ. އޭނާއަށް 364 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަދި ކައުންސިލް މެމްބަރު ކަމަށް 378 ވޯޓާއެކު ޕީއެންސީގެ އަހުމަދު ވަޖީހު އިންތިހާބުވިއިރު، ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި 364 ވޯޓާއެކު ކާމިޔާބު ކުރެއްވީ ޒީނިޔާ އަބްދުލްސައްތާރު އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައްވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ހަމްދޫނާ ހަމީދު އެވެ. އަދި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ ޒުލައިހާ އަބޫބަކުރު އަދި އައިމިނަތު އަނޫސާ އެވެ.

މި ނަތީޖާއާއެކު ރަސްދޫގެ މުޅި ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ފުރިހަމަ ކޮންޓްރޯލް މިހާރު ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައެވެ.

ހިއްސާ ކުރައްވާ!