ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވުނެވެ. އެ ތާއީދާއެކު ނިކުތް އެންމެނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޕީއެންއެފްގެ ނަމުގައި ޔާމީންގެ ތާއީދާއެކު ގިނަ ކެންޑިޑޭޓުންތަކެއް މާލޭގެ އެކި ދާއިރާތަކަށް ނުކުތް ނަމަވެސް، އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން ދިޔައީ އިންތިޚާބުގެ ތިންވަނަ އަށް އަދި ފަހަތުން ފުލަށެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި ޔާމީންގެ ތާއީދުގައި ޒަރިޔަންދު ނެރުއްވީ ޕީއެންސީގެ ވޯޓުތައް ބައިބައިކޮށްލުމުގެ މަޤްސަދުގައެވެ. މީގެ ސަބަބުން ޕީއެންސީއަށް މާލޭގެ މޭޔަރު ގޮނޑި ގެއްލި، އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކުރަން ފަސޭހަވެގެންދިޔަ ކަމަށް ލަފާ ކުރެއެވެ.
މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި ޔާމީންގެ ތާއީދާއެކު ވާދަކުރެއްވީ އެމްޑީޕީގެ ކުރީގެ މެންބަރު އިސްމާއިލް ޒަރިޔަންދެވެ.
ޒަރިޔަންދު ހޮވުމަށްޓަކައި ރައީސް ޔާމީން މާލެ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ކެމްޕެއިން ކުރެއްވި އެވެ.
ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިވަޑައިގަތީ 6،266 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %20.52 އެވެ.
މި ނަތީޖާއާއެކު ޒަރިޔަންދު ލިސްޓު ވަނީ އިންތިޚާބުގައި ތިންވަނައަށެވެ.
މި އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ.
އާޒިމަށް 13،791 ވޯޓު (%45.15) ލިބިވަޑައިގެންނެވިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ލިބިވަޑައިގަތީ 9،258 ވޯޓު (%30.31) އެވެ.
މީގެ ކުރިން ބޭއްވި 20 ވަނަ މަޖިލިސް އިންތިޚާބުގައިވެސް ޕީއެންއެފްގެ ތާއީދުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އަދި މިހާތަނަށް ބޭއްވުނު އެއްވެސް އިންތިޚާބެއްގައިވެސް ޔާމީންގެ ފަރާތުން ނެރުނު ކެންޑިޑޭޓުންނަށް ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވެވުނެވެ.
ސަރުކާރަށް ފާޑުވިދާޅުވެ، "ހުސްގޮނޑި" އާއި "ފޮޓޯގަނޑު" ގެ ވާހަކަ ދައްކަވަމުން ޔާމޏިނާއި ޕީއެންއެފްއިން ގެންދިޔަ ނަމަވެސް، އިންތިޚާބުތަކުން ފެންނަނީ ޔާމީންގެ ފޮޓޯއަށް މީހުން ގަޔާނުވާ މަންޒަރެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައިވެސް ޔާމީންގެ ތާއީދާއެކު މާލޭގެ އެކި ދާއިރާތަކަށް ގިނަ ކެންޑިޑޭޓުންތަކެއް ނެރުނީ ޕީއެންއެފްގެ ޓިކެޓުގެ ބަދަލުގައި އަމިއްލަ ގޮތުންނެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން އެ ބްރޭންޑްގެ އޮފް ކެނޑިފައި ވެއެވެ.


