މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ. މި ބަދަލާއެކު މިއަދުން ފެށިގެން އެ ކުންފުނީގެ އުފެއްދުންތައް ވިއްކާނީ އައު އަގުތަކުގައެވެ.
މަސްދަޅުގެ އަގަށް އައި ބަދަލާއެކު މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. މިއީ ކުރީގެ އަގަށްވުރެ އެއް ރުފިޔާ ބޮޑު އަދަދެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް މިހާރު ހަމަޖެހިފައިވަނީ 800ރ. އަށެވެ.
މިފްކޯއިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެންކަމަށެވެ. ޚާއްޞަކޮށް، މާރިޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ، މިހާރު އެކުންފުންޏަށް ލިބެނީ 14.32ރ. އަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ "ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް" ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.





