ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ވިލާ ހަކަތައިން ވިއްކާ ވިލާ ގޭހުގެ އަގު ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ. ވިލާ ހަކަތައިން ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުތަކުގައިވާ ގޮތުން މި ބަދަލަށް އަމަލުކުރަން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެ ކުންފުނިން ކަސްޓަމަރުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން އާއްމު ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅިއެއް ދެން ވިއްކާނީ 350 ރުފިޔާ އަށެވެ. މިހާރު ވިލާ ހަކަތައިން 10 ކިލޯގެ ގޭސްފުޅިއެއް ވިއްކަމުންދަނީ 200 ރުފިޔާ އަށެވެ. މިއީ ކުރީގެ އަގާ އަޅާބަލާއިރު ގާތްގަނޑަކަށް 75 އިންސައްތައިގެ ބޮޑުވުމެކެވެ.

އާއްމު ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅީގެ އިތުރުން، އެ ކުންފުނިން ވިއްކާ އެހެން ސައިޒްތަކުގެ ގޭސްފުޅިތަކުގެ އަގަށްވެސް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.

ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމި ސަބަބެއް ކަމަށް އެ ކުންފުނިން ބުނެފައިވަނީ، އެމެރިކާއާއި ޔަހޫދީން ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ހަކަތައިގެ ސިނާޢަތުގެ ސަޕްލައިއަށް އަރާފައިވާ ލޮޅުންތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމެވެ. މި ބަދަލާއެކު ގޭހުގެ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުވެގެންދާނެއެވެ.

ކައްކާ ގޭހުގެ އަގަށް މިއަންނަ ބަދަލުގެ ސަބަބުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުން ވިއްކާ ތަކެތީގެ އަގުތަކަށްވެސް އޭގެ އަސަރުކޮށް، އަގުތައް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!