އެމެރިކާގެ ހުށަހެޅުމަށް އީރާނުން ރައްދު ދީފި: ވަގުތީ ސުލްހައެއް ބޭނުމެއް ނޫން

ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން އީރާނަށް ހުށަހެޅި 45 ދުވަހަށް ވަރުބަލި ފިލުވާލުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ރަސްމީކޮށް ނޫނެކޭ ބުނެފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކޮށްފިއެވެ. އީރާނުން ވަނީ އެމެރިކާގެ މި ވަގުތީ ހުށަހެޅުމަށް އިންކާރުކޮށް، ހަނގުރާމަ ހުއްޓާލުމަށް ހަރުކަށި ޝަރުތުތަކެއް ކުރިމަތިލާފައެވެ.

އީރާނުން ބުނެފައި ވަނީ 45ދުވަހަށް ވަގުތޯ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް އެދޭއިރު އީރާނުން ވަނީ 48 އަހަރު ވަންދެން އެމެރިކާގެ ޓެރަރިޒަމާ ކުރިމަތިލާފައި ކަމަށެވެ.

އީރާނުން ބުނެފައިވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި، މެދުއިރުމަތީގެ ހުރިހާ ސަރަހައްދެއްގައި، ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށެވެ. ހާއްސަކޮށް ޣައްޒާ އާއި ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ފުރިހަމަ ގެރެންޓީ ދޭންޖެހޭނެ ކަމަށްވެސް އީރާނުން އެމެރިކާއަށް އަންގާފައިވެއެވެ.

މީގެ އިތުރުން، އިގްތިސާދީ އަދި ސަރަހައްދީ ބާރުވެރިކަމާ ގުޅޭ މުހިންމު ޝަރުތުތަކެއްވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތްކަން ބަލައިގަނެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމުގެ ހުއްދަ ލިބޭ އާ ޓްރާންސިޓް ޕްރޮޓޮކޯލެއް ގާއިމުކުރުން ހިމެނެއެވެ.

އީރާނުން ދެން އެންމެ ބޮޑަށް ބާރުއަޅާފައިވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ އެމެރިކާގެ އުދުވާނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އަދި އެންޕީޓީއާއި އދ. ގެ ޗާޓަރުގެ ދަށުން ލިބިދޭ ހައްގުގެ ދަށުން، ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް ފައްކާ ކުރުމުގެ ހައްގު އީރާނަށް އޮތްކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުން ބުނެފައިވަނީ، ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުގެ ބަދަލު ވެސް ދޭންޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!