މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓްގައި ވާދަކުރެއްވި މޫސާ އަލީ ޖަލީލު، އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަތް ތާއީދަށްޓަކައި އިޚުލާސްވެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ.
މޫސާ އަލީ ޖަލީލު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އަދި އިންތިޚާބުގައި ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕަށާއި އެންމެހައި މެމްބަރުންނަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް އޭނާއަށް ވޯޓު ދެއްވި ހުރިހައި ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓަވާނެ ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.
"މާލޭ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓު ދެއްވި ހުރިހައި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނަމެވެ،" މޫސާ ޖަލީލުގެ މެސެޖުގައި ވިދާޅުވިއެވެ.
މި ފުރުސަތުގައި މޫސާ އަލީ ޖަލީލު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހައި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވަމުން އޭނާގެ މެސެޖު ނިންމާލެއްވިއެވެ.




