ސައުދީ އަރަބިއްޔާއާއި ބަހްރޭން ގުޅުވައިދޭ ކިންގް ފަހުދު ބްރިޖަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރިޖު ބަންދުކޮށްފި ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން އިއުލާނުކޮށްފިއެވެ.
ކިންގް ފަހުދު ކޯޒްވޭ އޮތޯރިޓީން ބުނީ، ވޭތުވެދިޔަ ގަޑިއިރުތަކުގައި ސައުދީގެ އިރުމަތީ ސަރަހައްދުގެ ނޭޝަނަލް ޕްލެޓްފޯމް ފޯ އާލީ ވޯނިންގް އިން ނެރުނު ސަލާމަތީ އިންޒާރުތަކާ ގުޅިގެން، ބްރިޖު ހުރަސްކޮށް އުޅަނދުފަހަރު ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. މި ނިންމުމަކީ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަތަކެއް ދީ އީރާންގެ އުމުރާނީ ތަރައްގީގެ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމަށް މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ މުހުލަތު ހަމަވާން ކައިރިވުމުން ސައުދީން ވަނީ ފިވަޅު އަޅާފައެވެ. އީރާނުން ސޮލީބީ ޓްރަމްޕްގެ އިންޒާރަށް ފަސްޖެހިއްޖެނަމަ، "ނަރަކައިގެ ދޮރުތައް" އީރާނަށް ހުޅުވާލާނެ ކަމަށް ކިބުރުވެރި ކަމާއެކު ޓްރަމްޕް ވަނީ ބުނެފައެވެ. އަދި އީރާނު "ހޮހޮޅައިގެ ޒަމާނަށް" ފޮނުވާލާނެ ކަމަށް ބުނެ ފޮނިކަނޑާފައި ވެއެވެ.
އީރާނަށް އަމާޒު ކުރާ ސޮލީބީ ހަމަލަތައް އަންނަނީ ސައޫދީއާއި ކުވެއިތާއި ޔޫއޭއީއާއި ބަހުރައިން އަދި ޤަތަރުންނެވެ. އީރާނުން ވަނީ އީރާނަށް މި ތަންތަނުން ހަމަލަތައް އައި ކަމުގެ ސެޓެލައިތް ފޮޓޯ ހެކި އެ ގައުމުތަކަށާއި އދގެ ސެކްރެރތަރީ ޖެނަރަލްއަށް ހުށަހަޅާފައެވެ.
1986 ވަނަ އަހަރު ހުޅުވި ކިންގް ފަހުދު ބްރިޖަކީ ގާތްގަނޑަކަށް 25 ކިލޯމީޓަރުގެ ދިގު، އަދި 23 މީޓަރުގެ ފުޅާ ބްރިޖެކެވެ. މި ބްރިޖު ފެށެނީ ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގެ އަލްޚުބަރު ސިޓީގެ ދެކުނުން ނެވެ. އަދި ބްރިޖު ނިމެނީ ބަހްރޭންގެ އަލްޖަސްރާ އަށެވެ.

