ސައޫދީއާއި ޔޫއޭއީން އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކަށް އެ ގައުމުގެ ސަރަހަދު ނުދިނުމަށް އީރާނުން އާދޭސްކޮށްފި

އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށްޓަކައި އެމެރިކާއަށް ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް އީރާނުން އެ ދެ ގައުމަށް އަނެއްކާވެސް އާދޭސްކޮށްފިއެވެ. މިކަމަށް އެދިފައިވަނީ އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރު ސައީދު އިރަވާނީއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ހޯމަ ދުވަހު ފޮނުއްވި ދެ ސިޓީއެއްގައި އިރަވާނީ ވަނީ، އީރާނަށް ޓެރަރިސްޓް ހަމަލަ ދިނުމަށްޓަކައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ސައުދީ އަދި ޔޫއޭއީގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިވާ ގިނަ ހާދިސާތަކުގެ ތަފްސީލު ހެއްކާއެކު ހާމަކުރައްވާފައެވެ. މި ހަމަލާތައް މައިގަނޑު ގޮތެއްގައި ދީފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 23، 24 އަދި 28 ވަނަ ދުވަހު ކަމަށް އެ ސިޓީތަކުގައި ބަޔާންކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާއާ ގުޅޭގޮތުން ފޮނުއްވި ސިޓީގައި އިރަވާނީ ވަނީ އެމެރިކާގެ އެފް-16، އެފް-35 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކުން ސައޫދީން އައިސް އީރާނަށް ހަމަލާދިން 12 އަށްވުރެ ގިނަ ހާދިސާ ފާހަގަކުރައްވާފައެވެ. އަދި ޔޫއޭއީއާ ގުޅޭ ސިޓީގައި، މާރިޗު 23 ގައި އެމެރިކާގެ ޔޫ-2 އެސް ޖާސޫސީ ބޯޓެއް ޔޫއޭއީގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ޓެރަރިސްޓް ހަމަލާތަކުގެ ފުރަތަމަ މަރުހަލާގައި އީރާނުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ ޝަހީދު ކޮށްފައި ވެއެވެ. އަރަބި އަވަށްޓެރިން މި ހަމަލާ ކުށްވެރި ކޮށްފައެއް ނުވެއެވެ. އަދި ތައުޒިޔާ ކިޔާންވެސް ނުކެރުނެވެ. އެމެރިކާރެގ މި ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އަސްކަރީ ކޮމާންޑަރުންގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ އާންމުންނެއް ވަނީ ޝަހީދު ކޮށްފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލުން ހިފާފައިވާ ބިންތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ އަމާޒަކީ ހަމައެކަނި އެމެރިކާގެ ވަސީލަތްތަކާއި މަރުކަޒުތަކަށް ހަމަލަ ދިނުމެވެ. އަދި އަރަބި ގައުމުތަކާއެކު ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!