އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލިތާ 40 ދުވަސް

އީރާންގެ މަޝްހަދުގެ ހަނި ގޯޅިތަކުގެ ތެރޭގައި، ބާ ފޮތް ފިހަރަތަކުގެ ވަހާއި ނަމާދަށް ގޮވާ ބަންގީގެ އަޑާ މަސްހުނިވެފައިވާ މާހައުލެއްގައި، އާޔަތުﷲ ސައްޔިދު އަލީ ޚާމަނައީ އޭނާގެ ދިރިއުޅުން ފެއްޓެވީ އީމާންތެރިކަމާއި، އިލްމުވެރިކަމާއި، އަދި ގައުމީ ޚިދުމަތް އެކުލެވިގެންވާ ދިރިއުޅުއްވުމެކެވެ. ޅަފަތުގައި އޭނާ ތަރުބިއްޔަތުވެވަޑައިގަތީ އެ ސިޓީގެ އިސްލާމީ އިލްމީ މާހައުލުގައާއި އިލްމީ އަދަބީ ތަރިކައިގެ ތެރޭގައެވެ. އަދި ދީނީ މަދަރުސާތަކުން ބައްޓަން ވެގެންދިޔަ ޝަހުސިއްޔަތަކަށް އަލީ ޚަމަނާއީވެ ވަޑައިގަތެވެ.

އެންމެ ކުރީއްސުރެ އޭނާއަކީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން ޖަމާއަތުގެ ކަންކަމުގައި ހަރަކާތްތެރި ބޭފުޅެކެވެ. ހުޅަނގުގެ ތާއީދު އޮތް ޕަހްލަވީ ރަސްކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ދެކޮޅުވެރިކަމުގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ. 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، ޚާމަނާއީ އެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެން، ފާރިސީ ކަނޑުއޮޅީގެ އަރަބި ގައުމުތަކުން އީރާންގެ އިންގިލާބާ ދެކޮޅަށް ހިންގި ހަނގުރާމައިގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަތެވެ. އަލީ ކާމަނާއީ އަކީ، އެ ހަނގުރާމައިގައި ޒުވާން މުޖާހިދުންނަށް ނަމޫނާއެކެވެ.

މިދިޔަ ދެ އަހަރު ތެރޭ، އީރާނަށް ދެ ފަހަރެއްގެ މަތިން ބޭރުގެ ސޮލީބީ ސަހުޔޫނީ އުދުވާނާ ކުރިމަތިލާން ޖެހުނެވެ.
ފުރަތަމަ 2025 ޖޫން މަހުގައެވެ. ދެން 2026 ފެބްރުއަރީ މަހުގައެވެ. އެއްވެސް ސަބަބެއް ނެތި ކުރިމަތި ކުރުވި މި ދެ ހަނގުރާމައަކީވެސް އީރާނަށް މުހިންމު ހަނގުރާމަތަކެކެވެ. އީރާނުން ވަޢުދުއްޞާދިޤު އޮޕަރޭޝަން މެދުވެރިކޮށް ސޮލީބީ ސަހުޔޫނީން ހައިރާންކުރުވަނި އަސްކަރީ ގާބިލުކަން ދުނިޔެއަށް ދެއްކިއެވެ.

ދެން އައީ މިއަހަރުގެ ފެބްރުއަރީ 28 ގެ ބަދުނަސީބު ހެނދުނެވެ. ތެހެރާންގެ މެދުތެރޭގައި ހުރި ޢަލީ ޚާމަނާއިގެ އޮފީހަށް އެމެރިކާއާއި އިސްރާއީލުގެ ސޮލީބީ ސަހުޔޫނީ އަދުއްވުން ޣަދަރުވެރި މިސައިލަކުން ހަމަލަދީ، ޢަލީ ޚާމަނާއި، ރޯދައަށް ހުންނަވައިގެން ކީރިތި ގުރުއާން ކިޔަވައިވިދާޅުވާން އިންނަވަނިކޮށް ޝަހީދުކޮށްލީއެވެ.

އެ ދުވަހަކީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަހެވެ. އީރާނުން ފެށި ދިފާއީ ހަނގުރާމައަށް އީރާނުން ނަން ދިދީ ރަމަޟާން ހަނގުރާމައިގެ  ގޮތުގައެވެ.

މިއަދު އެ ސޮލީބީ ސަހުޔޫނީ ހަމަލަތަކަށް 40 ދުވަސް ފަހުން ބުދަ ދުވަހު ޓްރަމްޕްވަނީ 15 ދުވަހަށް ހަތިޔާރު ބަހައްޓަން ނިންމާފައެވެ. އީރާނުން ހުށަހެޅި 10 ނުކުތާގެ ގަރާރު އެމެރިކާއަށް ގަބޫލުކުރަން މަޖުބޫރުވީ ދުނިޔެއިން އެމެރިކާ އެކަހެރިކޮށްލައި އެމެރިކާ ދުނިޔޭގެ މަސްރަހުގައި ޖޯކަކަށް ވުމުންނެވެ.

އީރާނުގެ "ތާރީޚީ ކާމިޔާބީ" ގެ މި ދުވަސް ދިމާވަނީ އިސްލާމީ އިންގިލާބުގެ ލީޑަރު ޝަހީދު ކޮށްލިތާ 40 ވަނަ ދުވަހާއެވެ. މި މުނާސަބާއާ ގުޅިގެން ބުރާސްފަތި ދުވަހު މުޅި އީރާންގައި ބޮޑެތި އެއްވުންތައް ބޭއްވުމަށް ވަނީ ރާވާފައެވެ.

އަސްކަރީ މާހިރުން އެއްބަސްވާ ގޮތުގައި، "ސުޕަޕަވަރު" އަދި މެދު އިރުމަތީގައި އޮތް އެމެރިކާގެ ނަހަލާލު ޣައިރު ގާނޫނީ ބައިވެރިޔާއާ ދެކޮޅަށް އީރާނުން ހޯދި މި ކާމިޔާބީއަކީ، ޝަހީދުކޮށްލި ލީޑަރު ޢަލީ ޚާމަނާއީގެ ދުރުވިސްނުންފުޅުގެ ހެއްކެކެވެ.

އޭނާ ޝަހީދުކޮށްލުމުން މުޅި ދުނިޔެއަށް ބޮޑު ސިހުމެއް ލިބިގެންދިޔައެވެ. އެއީ ހަމައެކަނި ސިޔާސީ އަދި ރޫހާނީ ލީޑަރަކު ވަކިވެގެން ދިއުމުންނެއް ނޫނެވެ. އެއީ 30 އަހަރަށް ވުރެން ގިނަ ދުވަސް ވަންދެން އީރާނުގެ ތަރައްގީއާއި ވެރިކަން ހިންގުމާއި، ސަލާމަތީ ކަންކަމާއި، އިޖުތިމާއީ ސިޔާސަތުތަކާއި، އަދި ސަގާފީ ޝަޚުސިއްޔަތު ބައްޓަންކޮށްދެއްވި ބައްޕައެއް ފަދަ ޝަހުސިއްޔަތެއް ކުއްލި ގޮތަކަށް ގެއްލިގެން ދިއުމެކެވެ.

އޭނާގެ ހިތްވަރުގަދަ ދަތުރުފުޅު ބިނާވެފައިވަނީ އިސްލާމީ އިންގިލާބުގެ ހަލަބޮލިކަމުގެ ތެރެއިންނާއި، ވެރިކަން ހިންގުމުގެ ނިޒާމާއި ގައުމީ ސާބިތުކަން ބިނާކުރުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުގެ މައްޗަށެވެ. މިއީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުގައި ދެމިއޮންނަނިވި ނިޝާނެއް ދޫކުރެއްވި ދަތުރުފުޅެކެވެ.

މިއަދު، 40 ދުވަހުގެ މެދުކެނޑުމެއްނެތް ހަނގުރާމައަށްފަހު، އެމެރިކާ އިސްރާއީލުގެ އުދުވާނީ މެޝިނަރީގެ މައްޗަށް އީރާނުގެ ރައްޔިތުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރަމުންދާއިރު، މި ކާމިޔާބީގައި އާޔަތުﷲ ޢަލީ ޚާމަނާއީގެ ހިއްސާ ހަނދާންކޮށް، އީރާނުގެ ލޝްކަރުގެ ފައުޖުތައް މިއަދު އޮތް ހާލަތާ މެދު ބަލާލަން ޖެހެއެވެ.

މަތީ ފެންވަރުގެ ދީނީ ތައުލީމު ފުރިހަމަކުރެއްވުމަށްފަހު، އާޔަތުﷲ ޢަލީ ޚާމަނާއީގެ ދަތުރުފުޅު ވަރަށް އަވަހަށް އިމްތިހާނު ކުރެވިގެންދިޔައީ އެ ދުވަސްވަރު އީރާނަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.

ޔަހޫދީންނާއި ހުޅަނގުގެ ތާއީދު ލިބިގެން ހިންގަމުން ގެންދިޔަ އަނިޔާވެރި ޕަހްލަވީ ރަސްކަމުގެ މަރުކަޒީ ބާރުވެރިކަމާއި، ރައްޔިތުންނަށް ދިން އިހުމާލުގެ ސަބަބުން، އިސްލާމީ އިންގިލާބީ ރޫހުގެ ބޮޑު ރާޅަކާ އެ އަނިޔާވެރި ދައުލަތަށް ކުރިމަތިލާން ޖެހުނެވެ.

އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް އަމަލީ ގޮތުން ޕަހްލަވީ ރަސްކަމާ ދެކޮޅަށް އާންމު ރައްޔިތުންގެ ފެންވަރުގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ނިޒާމުގެ ބިރުވެރި ޖަލުތަކުގައި ދުވަސްތައް ހޭދަކުރެއްވިއެވެ.

އެހެންނަމަވެސް، އޭނާގެ ސާބިތުކަމުގެ ފުންމިން ފުރިހަމައަށް ހާމަވެގެންދިޔައީ އިސްލާމީ އިންގިލާބަށްފަހު 1980 ގެ އަހަރުތަކުގައި އަރަބި އަދުއްވުންނާ ދެކޮޅަށް އީރާނުން 8 އަހަރު ވަންދެން ކުރި ހަނގުރާމައިގެ ތެރެއިންނެވެ.

ޚޫޒިސްތާނުން ފެށިގެން އީރާނަށް ހަނގުރާމަ މަޖުބޫރު ކުރެވުނު ހިނދު، އާޔަތުﷲ ޚާމަނާއީ އިދާރީ ވަޒީފާއަކަށް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ސައްދާމް ހުސައިންގެ ބައުޘް ޕާޓީގެ ސިފައިން އީރާނުގެ ބިމަށް އަރައިގަތް ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން، އެއްފަހަރާ ގިނަ މަސްއޫލިއްޔަތުތަކެއް އުފުއްލެވިއެވެ.

އެ ހަނގުރާމައިގެ ދުވަސްވަރު، އީރާންގެ ސުޕްރީމް ޑިފެންސް ކައުންސިލްގައި އިމާމް ޚުމައިނީގެ މަންދޫބެއްގެ ގޮތުން އަދި ޕާލަމެންޓްގައި ތެހެރާންގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުންނާއި، އަދި ތެހެރާންގައި ހުކުރު ޚުޠުބާ ދެއްވާ އިމާމެއްގެ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތެވެ. އެހެންނަމަވެސް، ކޮމިޓީތަކާއި އޮފީސްތަކަށް އެކަނި ހުސްވެވަޑައިގަތުމުގެ ބަދަލުގައި، ޚާމަނާއި އިސްކަންދެއްވީ ހަނގުރާމައިގެ ކުރީ ސަފުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށެވެ.

އިސްލާމީ އިންގިލާބުގެ ބާނީ އިމާމް ޚުމައިނީގެ ހުއްދަފުޅާއެކު، ޚާމަނާއި އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ އަހްވާޒްގައި ހަނގުރާމަ ކުރަމުންދިޔަ ލަޝްކަރުގެ ކުރީ ސަފުގައި، ފަހުން ޝަހީދުވި ކޮމާންޑަރު މުސްތަފާ ޗަމްރާންއާ ގުޅިވަޑައިގެން، އަރަބި ދުޝްމަނުންނާ ދެކޮޅަށް ނުރައްކާތެރި ދިފާއީ ހަނގުރާމައިގެ މެދުތެރެއަށް ނުކުމެވަޑައިގެންނެވިއެވެ.

"އަލީ ޚާމަނާއިއަކީ ދުވަހަކުވެސް ވެލިބަސްތާތަކާއި ޗާޓުތަކުގެ ފަހަތުގައި މަޑުކުރެއްވި ކޮމާންޑަރެއް ނޫން،" އޭނާގެ ޒަމާންވީ އެކުވެރިއަކު ހަނދާން އާކުރިއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ ޚުއްރަމްޝަހްރު، ސޫސަންގަރުދު، އަދި ދޮއްބޭ ހަރުދާން ފަދަ ނުރައްކާތެރި ސަރަހައްދުތަކުގައި ހިންގަވައި، ގިނަ ފަހަރަށް ދުޝްމަނުންގެ ސަފުތަކާ ވަރަށް ގާތުގައިވާ ކޯރުގެ އައްސޭރިފަށަށް ޒިޔާރަތްކުރެއްވިއެވެ.

އަލީ ޚާމަނާއިގެ އެންމެ ފާހަގަ ކުރެވޭ ކާމިޔާބިއަކީ، އީރާނުގެ ދިފާއީ ސިނާއަތް ވަނީ ބޭރުން ހަތިޔާރު ބޭރުން އެތެރެކުރުމަށް ބަރޯސާވުން ދޫކޮށްލައި، ދުނިޔޭގެ ފެންވަރުގެ ހަތިޔާރު އުފައްދުން އީރާންގައި ތަރައްގީ ކުރެއްވުމެވެ.

އެގޮތުން ވައިގެ ދިފާއީ މިސައިލްތަކުން އީރާން ވަނީ ކުރިން ނުހޯދޭނެ ކަމަށް ބެލެވުނު ފަދަ ކުރިއެރުންތަކެއް ހޯދާފައެވެ.

ހަނގުރާމައަށްފަހު އީރާންގެ ޑްރޯން އުފެއްދުމުގެ މަސައްކަތް، އޭނާގެ ބާރުއެޅުއްވުމުގެ މަތިން އަލުން ދިރުވައި، އިންސާނުންގެ ބެލުމެއް ނެތި އަމަލީ މައިދާނުގައި ބޭނުންކުރެވޭނެހެން އާޓިފިޝަލް އިންޓެލިޖެންސް ވެސް ސިފައިންގެ ތެރެއަށް ތައާރަފުކޮށް ދެއްވިއެވެ.

އަލީ ޚާމަނާއިގެ ލީޑަޝިޕްގެ ދަށުން، އީރާނަކީ މިސައިލާއި ޑްރޯން އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމަކަށް ވެގެންދިޔައެވެ.

މިދިޔަ މަހު ހިންގި "އޮޕަރޭޝަން ވަޢުދުއްސާދިޤު 4″ ގައި މި ހަތިޔާރުތައް ވަނީ ފައިދާހުރި ގޮތެއްގައި ބޭނުންކޮށްފައެވެ.

ފެބްރުއަރީ 28 އިން ފެށިގެން މި އޮޕަރޭޝަންގެ 99 ރާޅެއްގައި ދުޝްމަނުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ވެރިކަން ހިންގުމުގެ ދާއިރާގައިވެސް އޭނާ ގެންގުޅުއްވީ މިފަދަ ފުން ވިސްނުންފުޅާއި ދުރުވިސްނުންތެރިކަމެވެ.

ހުޅަނގުގެ ތާއީދާއެކު އޮތް ޕަހްލަވީ ވެރިކަމުގެ ދައުރުގެ އަނިޔާވެރި ވެރިކަމުން ސަލާމަތްވިއިރު، އީރާނުގެ ރައްޔިތުންގެ ފުރާނައާއި، މުދަލާއި، އަބުރަކީ ޝާހުގެ އަމިއްލަ މިލްކެއްގެ ގޮތުގައި ބެލެވުނު، ސިޔާސީ ގޮތުން ބަންދުވެފައި އޮތް އަނިޔާވެރި ޒަމާނެއްގެ ތަރިކައެއް އޮތެވެ. އާޔަތުﷲ އަލީ ޚާމަނާއީ މަސައްކަތްޕުޅު ކުރެއްވީ ގާނޫނާއި، ސަގާފީ މިނިވަންކަމާއި، އަދި ރައްޔިތުންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ އިންގިލާބީ ނަމޫނާއެއް ބިނާކުރެއްވުމަށެވެ.

އިސްލާމީ އިންގިލާބުގެ ލީޑަރުގެ ގޮތުގައި ހުންނެވި ދުވަސްވަރު، އާޔަތުﷲ ޚާމަނާއީ ބާރުއެޅުއްވީ އިސްލާމީ އިންގިލާބުގެ ކާމިޔާބީގެ މައިގަނޑު މިންގަނޑަކީ ސަގާފީ ކުރިއެރުން ކަމުގައި ހައްދަވާށެވެ.

އޭނާ ގަބޫލުފުޅުކުރެއްވި ގޮތުގައި އިސްލާމީ އިންގިލާބަކީ ހަމައެކަނި ސިޔާސީ ބަދަލެއް ނޫނެވެ. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެފައި އޮތް މުޖުތަމައެއް ހޭލައްވާލުމަށް ގެންނަ ސަގާފީ ބަދަލެކެވެ.

އާޔަތުﷲ އަލީ ޚާމަނާއީގެ ސްޓްރެޓެޖިކް ތަސައްވަރުގައި އިގްތިސާދަކީ ގައުމީ ބާރުގެ މައިގަނޑު ތަނބު ކަމުގައި ބެއްލެވިއެވެ. އަދި ދެމެހެއްޓެނިވި ރޭވުންތެރިކަމާއި އަޚުލާގީ މަސައްކަތްތެރިކަމަށް ބާރުއެޅުއްވިއެވެ.

އެގޮތުން، 2011-2012 ގެ "އިގްތިސާދީ ޖިހާދު" އިން ފެށިގެން 2016-2017 ގެ "ރެސިސްޓަންސް އިކޮނޮމީ" ގެ ދިފާއީ އިގްތިސާދާ ހަމައަށް ކަނޑައެޅުއްވި އަހަރީ ޝިއާރުތަކުން ހާމަވެގެން ދަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަން ހިންގުމުގެ ފަލްސަފާގެ ތެރެއަށް އިގްތިސާދީ އިސްކަންދޭ ކަންކަން ލާމެހިފައިވާ މިންވަރެވެ.

1979 ގެ އިސްލާމީ އިންގިލާބަށްފަހު ހުޅަނގުން ކުރިމަތިކުރި އިންސާނިއްޔަތާ ހިލާފު އަދި ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހަމައެކަނި ރައްދު ދިނުމުގެ ބަދަލުގައި، އާޔަތުﷲ ޢަލީ ޚާމަނާއީގެ އިގްތިސާދީ އިރުޝާދުތައް ވަނީ އިގްތިސާދު ކުރުމަށާއި، ގައުމީ އުފެއްދުންތެރިކަމަށާއި، މަސައްކަތްތެރިންނަށް އެހީތެރިވުމަށާއި، އަދި މާލީ އަދަބުވެރިކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވާ އިރުޝާދުތަކަކަށް ވެފައެވެ.

ދުނިޔެއިން އީރާން ސިފަކުރަމުން ދިޔައީ ދީނީ މުއްލާއިން ވެރިކަން ކުރަމުން ދިޔަ ތަރައްގީގައި ފަހަތަށް ޖެހިފައިވާ ތަނެއްގެ ގޮތުގައެވެ. ތެެދެކެވެ. އަރަބި އަވަށްޓެރިންގެ ބިއްލޫރި ހަރޮށި ބިނާތައް އީރާނުން ފެނިފައެއް ނުވެއެވެ. ދުބާއީ ފަދަ ކަސްބީންގެ ބާޒާރެއް އީރާނަކު ނެތެވެ. އަދި ހުޅަނގުޔގެ ދަތިތަކާއެކު އިންވެސްޓު ކުރާނެ ފަރާތްތަކެއް ނޫނީ ޔަހޫދީންގެ ފައިސާއެއް އީރާނަކަށް ނުލިބުނެވެ. ދުނިޔެއިން ހީކުރަނީ ދުނިޔޭގެ އެންމެ ބޮޑު މޯލަކީ ދުބާއީ މޯލް ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ޝޮޕިން މޯލަކީ ތެހެރާންގެ މޯލްއެވެ. އެއީ ލައިބްރަރީއެއްވެސް ހިމެނޭ ހަމައެކަނި މޯލެވެ.

އީރާނުން އަމިއްލައަށް ބިމު އަޑީ މެޓްރޯތައް ބިނާ ކުރިއެވެ. އަމިއްލައަށް ތަރައްގީއަށް މަސައްކަތް ކުރިއެވެ. އަލީ ޚާމަނާއީގެ 30 އަހަރުގ ތަރައްގީގެ ކާމިޔާބީތައް މިއިން ފެނިގެން ދެއެވެ.

ތެލަށް ބަރޯސާނުވާ އިގްތިސާދެއްގެ މުހިންމުކަމަށް ބާރުއަޅުއްވަމުން އަލީ ޚަމަނާއި ވިދާޅުވީ، ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް ބަރޯސާވުމަކީ ބޭރުގެ ނުފޫޒުތަކާއި އަގުތަކަށް އަންނަ ބަދަލުތަކުގެ ކުރިމަތީގައި ގައުމު ނާޒުކު ހާލަތަކަށް ވެއްޓޭނެ ކަމެއް ކަމަށެވެ.

އޭނާ ގަބޫލުކުރެއްވި ގޮތުގައި، ބޭރުގެ ފިއްތުންތަކުގެ ކުރިމަތީގައި ގައުމުގެ ސިޔާދަތާއި ދިގު މުއްދަތުގެ ހަމަޖެހުމަށްޓަކައި، އުފެއްދުންތެރިކަމުގެ އަގު އެއްކޮށް އަމިއްލަ ސިނާއީ ކުރިއަރުވަން ކޮންމެހެން ބޭނުންތެރިއެވެ.

އާޔަތުﷲ އަލީ ޚާމަނާއީގެ އިގްތިސާދީ ފަލްސަފާގައި ބުއްދިވެރި ރޭވުންތެރިކަމަށް އިސްލާމީ ފިކުރު އެއްކޮށްލައްވައި، ހަމަހަމަކަމާއި، އިންސާފާއި، އަދި އިޖުތިމާއީ ޒިންމާއަށް ބާރުއެޅުއްވިއެވެ.

1996 ވަނަ އަހަރު ވިދާޅުވިއެވެ: "ގައުމުގެ މާލީ ވަސީލަތްތައް ރައްކާތެރިކުރާށެވެ. އިސްރާފުކުރުމާއި ހައްދުފަހަނަޅައިދިއުމާ ދެކޮޅަށް މަސައްކަތްކުރާށެވެ. އަދި ދައުލަތުގެ މުދަލާއި އަމިއްލަ މީހުންގެ މުދާ ހަލާކު ކުރާ މީހުންނާ ދެކޮޅުވެރިވާށެވެ."

މި އުސޫލުތަކަކީ އީރާނުގެ ތަރައްގީގެ މަގުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ދެމިއޮތް ކަންކަމެވެ. އެއީ ޝަހީދުވެފައިވާ ލީޑަރުގެ ދުރުވިސްނުންތެރިކަމާއި، އަމަލީ ވިސްނުންފުޅާއި، އަދި އަހުލާގީ އިރުޝާދުތައް ރަމްޒުކޮށްދޭ ކަންކަމެވެ.

ސިޔާސީ އަދި ދިފާއީ ދާއިރާގެ ލީޑަރަކަށް ވެވަޑައިގަތުމުގެ މާ ކުރިންވެސް، އާޔަތުﷲ ޚާމަނާއީ ވަނީ ފާރިސީ އަދަބިއްޔާތާއި ޅެންވެރިކަމަށް ޚާއްސަ ލޯތްބެއް ދެއްވާފައެވެ. އިސްލާމީ އިންގިލާބަށްފަހު ކުރިމަތިވި ހަލަބޮލި ދުވަސްވަރު، ގައުމީ ސަގާފީ ޝަޚޖުސިއްޔަތެއް ބިނާކުރުމަށް އެހީތެރިވުމަށްޓަކައި އޭނާ މަޝްހޫރު ޅެންވެރިންނަށް ދައުވަތު އެރުވިއެވެ.

ސިޔާސީ ގޮތުން އުފުއްލަވަންޖެހުނު ބުރަ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވެސް، އޭނާ އިންގިލާބީ ޅެންވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، އެމީހުންގެ މަސައްކަތްތަކަށް ފާޑުވިދާޅުވެ، އަދަބީ ބަހުސްތަކަށް ހިތްވަރު ދެއްވިއެވެ.

އާޔަތުﷲ ޚާމަނާއީގެ އަމިއްލަ އަދަބީ މަސައްކަތްޕުޅުތައް ވެސް ވަރަށް ތަނަވަހެވެ. އޭގެ ތެރޭގައި ފިޤުހު އިލްމާއި، ތާރީޚީ ދިރާސާތަކާއި، ކީރިތި ޤުރުއާނުގެ ތަފްސީރާއި، އަދި އިސްލާމީ އިންގިލާބުގެ ފިކުރީ ނިޒާމާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ގިނަ އަދަދެއްގެ ޅެން ފޮތްތައްވެސް ލިޔުއްވާފައެވެ.

އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރިކުރުވުމާ މެދު އާޔަތުﷲ ޚާމަނާއީ ގެންގުޅުއްވާ އުސޫލުތަކުން ފެންނަނީ ދީނީ އަސާސްތަކާއި މުޖުތަމަޢުގެ ކުރިއެރުން އެކުލެވިފައިވާ މަންޒަރެކެވެ.

އިސްލާމްދީނުގައި އަންހެނުންގެ މަޤާމަކީ "މަތިވެރި އަދި މާތް" މަޤާމެއްގެ ގޮތުގައި ސިފަކުރައްވަމުން، އަންހެނުންގެ ޝަޚުސިއްޔަތު ނުވަތަ އަމިއްލަވަންތަކަމާ ގުޅޭގޮތުން ޤުރުއާނުގައި ބަޔާންވެގެންވާ ކަންތައްތަކަކީ "އެންމެ މަތިވެރި އަދި އެންމެ ކުރިއަރާފައިވާ" ބަޔާންތައް ކަމަށް ބާރު އެޅުއްވިއެވެ.

ހުޅަނގުގެ ކެޕިޓަލިސްޓް ސަގާފަތުގެ ނާކާމިޔާބީ އަޅާކިޔުއްވަމުން، ހެދުން އެޅުމުގެ މިންގަނޑުތަކާއި ކައިވެންޏަށް ހިތްވަރުދިނުން ފަދަ އިސްލާމީ އުސޫލުތަކަކީ އަންހެނުންގެ ފިޠުރަތާއި މުޖުތަމަޢުގެ ބޭނުންތަކާ ފުރިހަމައަށް ގުޅޭ ކަންކަން ކަމަށް ކަށަވަރުކޮށްދެއްވިއެވެ.

އިޖުތިމާޢީ އަދި އާއިލީ ދިރިއުޅުމުގައި އިންސާފު ޤާއިމުކުރުމަކީ އަންހެނުންގެ އެންމެ އިސް ޙައްޤުކަން ފާހަގަކުރައްވަމުން، 2025 ވަނަ އަހަރު ދެއްވި ތަޤުރީރެއްގައި ޚާމަނާއީ ވިދާޅުވިއެވެ:

"ރައްކާތެރިކަމާއި، އިއްފަތްތެރިކަމާއި މާތްކަމާއި، އަދި ކަރާމާތް ހިމާޔަތްކުރުމަކީ ވެސް އަންހެނުންގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަންހެނުންގެ ކަރާމާތް ފުނޑުފުނޑުކޮށްލާ ހުޅަނގުގެ ކެޕިޓަލިޒަމާ ޚިލާފަށް، އިސްލާމްދީން ބާރުއަޅަނީ އަންހެނުންނަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށެވެ."

އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަރުގެ ހައިސިއްޔަތުން، ސައިންސާއި، ކުޅިވަރާއި، ދިރާސާކުރުމާއި، ސިޔާސަތާއި އަދި ސިއްހީ ދާއިރާއިން އަންހެނުން ހޯދާ ކާމިޔާބީތައް އާޔަތުﷲ ޚާމަނާއީ ފާހަގަކުރައްވައެވެ. އޭނ ދެކެވަޑައިގަންނަވާ ގޮތުގައި، މި ކާމިޔާބީތަކަކީ އީރާނުގެ ތާރީޚުގައި މިސާލެއް ނެތް ފަދަ، އަދި ފިރިހެނުންނާ އެއްހަމައެއްގައިވާ ކާމިޔާބީތަކެކެވެ.

ހިއްސާ ކުރައްވާ!