އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ، 20 ކޯޓާއާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު އިސްލާހެއް ގެނެސްފިއެވެ. އޭޕްރީލް 1 ވަނަ ދުވަހު ގެޒެޓްކުރި މި އިސްލާހާއެކު، މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ލުއިތައް ވިޔަފާރިތަކަށް ލިބެން ފަށާނެއެވެ.
މި ބަދަލަކީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެކެވެ.
ގަވާއިދު ވިދާޅުވުމަށް:
https://gazette.gov.mv/gazette/7471
ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މި ފިޔަވަޅުގެ ސަބަބުން ގާތްގަނޑަކަށް 30,000 އަށްވުރެ ގިނަ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރާއްޖޭގައި މިހާރު އޮންނަ އުސޫލުން ބިދޭސީއަކު ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް އާ އިސްލާހާއެކު 20 ކޯޓާއާ ހަމައަށް މި ފީ ދައްކާކަށް ނުޖެހޭނެއެވެ. މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މި ލުއީގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ހިމަނާފައެވެ.
މި ބަދަލާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ ޔޫސަރ ގައިޑްލައިންތައް މިހާރު އެކްސްޕެޓް ސިސްޓަމްގައި ޝާއިއުކުރަމުންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސް، ރާއްޖޭގެ އިގްތިސާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމެވެ.



