Foto: Fisheries Ministry
Foto: Fisheries Ministry

ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅައި ޚާއްޞަ ރޭޓިންގްއެއް ދީފި

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅައި ޚާއްޞަ ރޭޓިންގްއެއް ދީފިއެވެ. މިއީ އެ ޕްރޮގްރާމުގެ ތާރީޚުގައިވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އުފެއްދުންތައް ރޭޓްކުރެވިފައިވަނީ "ބެސްޓް ޗޮއިސް" ނުވަތަ އިޚްތިޔާރުކުރަން އެންމެ ރަނގަޅު އުފެއްދުންތަކުގެ ގޮތުގައެވެ. މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ އިތުރުން ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

މި ތާރީޚީ ކުރިއެރުމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ،

"މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް. ސީފުޑް ވޮޗް އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް" ކަމަށެވެ. އަދި މިއީ އިޤްތިޞާދު ބިނާކުރުމުގައި މަސްވެރިން ކުރާ މަސައްކަތުގެ ފޮނި ނަތީޖާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އާ ރޭޓިންގްގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި ކަނޑުމަހަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި ވާދަވެރިކަމުގައި ކުރިހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!