މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވަމުންދާ ކުއްލި ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް މިކަމުގެ ސީދާ އަސަރު އާންމު ދިރިއުޅުމަކަށް ނުފޯރައެވެ.
ފިހާރަތަކުން މުދާ ލިބެން ހުރިއިރު، ބާޒާރުގައި ތަކެތި ލިބެން އެބަ ހުއްޓެވެ. އަދި އާންމުންގެ މެދުގައި އެއްވެސް ކަންބޮޑުވުމެއް ނުފެނެއެވެ. ސަރުކާރުގެ އިސްކަމަކީ ދައުލަތުން މި ދަތިތައް މެނޭޖުކުރަމުންދާއިރު، އާންމު ދިރިއުޅުން ހަމަޖެހިގެން ކުރިއަށް ގެންދިއުމެވެ.
މި ހާލަތު މޮނިޓަރ ކުރުމަށް ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމިޓީތަކެއް އެކުލަވާލައްވާފައެވެ. އަދި ސަރުކާރުން މިކަން މެނޭޖުކުރަމުންދާ ގޮތުގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރުމަށް ކޮންމެ ހަފުތާއަކު ބްރީފިންގްތައް ބާއްވަމުންދެއެވެ. މި ބްރީފިންގްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ސަޕްލައި ޗެއިންއާއ މުދާ ގެނައުމުގެ ނިޒާމަށާއި، ތެލުގެ ރައްކާތެރިކަމަށާއި، އަދި އިގްތިސާދީ ކުރިމަގަށެވެ. މިއީ ކުރިމަތިވެދާނެ އެއްވެސް ދައްޗަކުން ސަލާމަތްވުމަށް ސަރުކާރުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އަދާހަމަކޮށް ކޮންމެ ހަފްތާއަކު ހާމަ ކުރަމުން ދެއެވެ.
މި ހާލަތާ ގުޅިގެން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމަށް އަންގާފައެވެ. މި އައު ސާކިއުލާ އަކީ މިދިޔަ އަހަރުގެ މާޗް މަހު ނެރުނު އެންގުމަށްވުރެ ފުޅާ އަދި ހަރުކަށި އިރުޝާދުތަކެއް ހިމެނޭ ގޮތަށެވެ. މިއިން ދޭހަވަނީ ބޭރުގެ މި ލޮޅުންތައް އިތުރަށް ގޯސްވެދާނެތީ ސަރުކާރުން ފާރަވެރިވާކަމެވެ.
އެގޮތުން އަންގާފައިވާ އެންގުމުގެ ތެރޭގައި، މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމަށް ކުންފުނިތަކަށް ވަނީ އަންގާފައެވެ.
އަދި މެނޭޖުމަންޓުން ބަލަންޖެހޭނީ ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށެވެ.
އިތުރުގަޑީގެ މަސައްކަތް ހުއްދަ ކުރެވޭނީ ހަމައެކަނި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަމުގައެވެ.
މީގެ އިތުރުން، މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށާއި، ކުންފުނީގެ ހިންގުމަށް ކޮންމެހެން ބޭނުންވާ މަގާމެއް ފިޔަވައި އައު މުވައްޒަފުން ނެގުން މަޑުޖައްސާލަން އަންގާފައި ވެއެވެ.
އަދި މުވައްޒަފުން ނަގާ މަގާމަކީ ކުންފުނީގެ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ވީނަމަވެސް ނު ނެގުމަށް އަންގާފައި ވެއެވެ.
މި އައު ސާކިއުލާގައި މުސާރައިގެ ޚަރަދުތައް ހަރުދަނާކޮށް ކޮންޓްރޯލް ކުރުމަށް އަންގާފައިވެއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް އެއްވެސް ޚަރަދެއް ނުކުރުމަށް ވަނީ އިންޒާރު ދީފައެވެ.
އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރާނެ އިގްތިސާދީ އަސަރުތައް ދިރާސާކުރުމަށާއި، ނިންމުންތައް ނިންމުމުގައި އާންމުން އުފުލަންޖެހޭ މާލީ ބުރައަށް ރިއާޔަތްކުރުމަށް ވެސް ބޯޑުތަކަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ކޮންމެހެން ބާއްވަން ނުޖެހޭ ރަސްމިއްޔާތުތައް ނު ބެއްވުމަށާއި، ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
އަދި ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށާއި، ރާއްޖޭން ބޭރުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ބަދަލުގައި ވަރޗުއަލްކޮށް ބައިވެރިވުމަށް ވަނީ އިރުޝާދު ދީފައެވެ.
ފެރީގެ ހިދުމަތް އޮންނަ ސަރަހައްދުތަކުގައި މުވައްޒަފުން ފެރީ ބޭނުންކުރުމަށާއި، ވީވަރަކުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުންފުނިތަކަށް ވަނީ ބާރުއަޅާފައެވެ.
ސަރުކާރުގެ ބައެއް އިދާރާތަކުން މިހާރުވެސް ވަނީ މި ހާލަތާ ގުޅިގެން މަސައްކަތްތަކަށް ބަދަލު ގެންނަން ފަށާފައެވެ.
މީގެ ތެރޭގައި ރަސްމީ މަސައްކަތު ގަޑި ކުރުކުރުމާއި އިތުރުގަޑީގެ މަސައްކަތްތައް މެދުކަނޑާލުން ހިމެނެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ، ހާލަތު ބަދަލުވެދާނެ ކަމަށް ގަބޫލުކޮށް، އިގްތިސާދު ހަމަޖެހުމެއްގައި ބޭއްވުމަށާއި އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްކުރުމަށް ދުރާލާ އެޅި ފިޔަވަޅެކެވެ.





