އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ އަސަރު ކުރީ ހަމައެކަނި ހަކަތައާއި، ޕެޓްރޯކެމިކަލްސް ނުވަތަ ޓެކްނޮލޮޖީގެ ދާއިރާއަށް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އިގްތިސާދު ގުޅިލާމެހިފައިވާ މިންވަރުގެ ސަބަބުން، އެހެނިހެން ދާއިރާތަކަށް ވެސް މި އަސަރުތައް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ލަގްޒަރީ މުދަލުގެ ދާއިރާ ހިމެނެއެވެ.
"ސީ.އެން.ބީ.ސީ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށި ފަހުން މި ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ 15 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
މީގެ އިތުރުން، ދުނިޔޭގެ ލަގްޒަރީ އުފެއްދުންތައް ގިނައިން ބޭނުން ކުރާ މާއްދިއްޔަތަށް ލޯބިކުރާ ގަލްފްގެ އަރަބި ގައުމުތަކުގައި ލަގްޒަރީ މުދަލުގެ މާކެޓް ވަނީ 6 އިންސައްތައާއި 8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ހަލުވި ކޮށް މިދާއިރާ ކުރިއަރާ ސަރަހައްދެވެ. އަދި ދުނިޔޭގެ ލަގްޒަރީ މުދަލުގެ 6 އިންސައްތަ ގަންނަނީ ގަލްފްގެ އަރަބި ގައުމުތަކުންނެވެ.
އަރަބިން އެންމެ ގިނައިން ގަންނަ ލަގްޒަރީ ބާވަތަކީ ލަގްޒަރީ ގަޑިއާއި ގަހަނާ އެވެ. 2026 ވަނަ އަހަރު މި ބައިތަކުގެ އަގު 165.48 ބިލިއަން ޑޮލަރަށް އަރާނެ ނެއެވެ. އެއީ ކުރާ ވިޔަފާރި ޖުމްލަ އާމްދަނީގެ 15.1 އިންސައްތަ އެވެ.
ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މާއްދީ ލަގްޒަރީ މުދާ ގަންނަ ނިސްބަތް ދަނީ މަޑު ޖެހެމުންނެވެ.
2025 ވަނަ އަހަރު މި މާކެޓުގެ ސައިޒު 464.1 ބިލިއަން ޑޮލަރުން 2026 ވަނަ އަހަރު 489.37 ބިލިއަން ޑޮލަރަށް މަތިވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2026 އާއި 2030 އާ ދެމެދު އަހަރަކު އެވްރެޖްކޮށް 2.69 އިންސައްތައިގެ ކުރިއެރުމެއް މި ދާއިރާއަށް އަންނާނެ ކަމަށް ބެލެވެއެވެ.





