ތެލާއި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައި، ދައްޗެއް ނެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތެލާއި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި، އެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ހަނގުރާމައަށް 45 ދުވަސް ވެގެންދިޔައިރު މިހާތަނަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް މި ތަކެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތެލާއި ގޭހުގެ ޝިޕްމަންޓްތައް ލިބޭނެ ތާރީޚުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ،
ޑީސަލްގެ ޝިޕްމަންޓްތައް އޭޕްރިލް 12، 18، 26 އަދި މޭ މަހުގެ 7 އާއި 15 ގައި ރާއްޖެ އައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

އަދި ޕެޓްރޯލްގެ ޝިޕްމަންޓްތައް އޭޕްރިލް 18، 27 އަދި މޭ 15، ޖޫން 2 އަދި 21 ގައި ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައްކާ ގޭސް، އެލް.ޕީ.ޖީގެ ޝިޕްމަންޓްތައް އޭޕްރިލް 22 އަދި 23 ހިސާބުގައި ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، "މިއީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމާއި ދުރާލާ އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ" ކަމަށެވެ. އަދި މި ހުރިހާ ކަމަކީ ވެސް ވަރަށް ބޮޑަށް އިންތިޒާމް ކުރެވި، ދުރާލާ ޕްލޭން ކުރެވިގެން ކުރިއަށްދާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށާއި އަސާސީ ޚިދުމަތްތަކަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އަދާހަމަކޮށް ރައްޔިތުންނަށް ހިއްސާކުރުމަށް ކޮންމެ އާދިއްތައެއްގައި ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ބައްދަލުވުމެކެވެ.

ހިއްސާ ކުރައްވާ!