ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދަނީ

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މިހާތަނަށް ރާއްޖެއަށް ދަތުރުކުރުމަށް ޝެޑިއުލްކުރެވިފައިވާ އެއާލައިންތަކުގެ ތެރެއިން 626 ފްލައިޓު ކެންސަލްވެފައިވާ ކަމަށެވެ. މީގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިތިއޯޕިއާއާއެކު އެއާ ސާވިސް އެގްރީމެންޓެއްގައި ސޮއިކުރެވޭނެއެވެ.

މީގެ އިތުރުން، އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބެލަރޫސްގެ ބެލަވިއާ އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައްވެސް ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މެދުއިރުމައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން އީޑްލްވައިސް، އެއާ އޭޝިއާ، އެއާ އިންޑިއާ އަދި ޓާކިޝް އެއާލައިންގެ ދަތުރުތައް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤަތަރު އެއާވޭސް އާއި އެމިރޭޓްސްގެ ދަތުރުތައް އަލުން ފަށައި، ފްރީކުއެންސީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ނިމިދިޔަ ހަފްތާގައި %25 އެރައިވަލްސް މައްޗަށް ޖެއްސިއްޖެ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެނެޔޭ" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ މުއްސަނދި ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށާއި، އެގޮތުން ރާއްޖެއަށް އަންނަ ޖެޓުތަކުގެ އަދަދު އިތުރުކުރުމުގައި ކާމިޔާބީތަކެއް ހޯދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ޖެޓް ފިއުލްގެ އަގު ބޮޑުވެ، އެއާލައިންތަކުގެ ޓިކެޓުގެ އަގު ގާތްގަނޑަކަށް 40 އިންސައްތަ އުފުލިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!