ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން، ގަވާއިދުން ކުރިއަށްދާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާ ބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މީޑިއާއާ ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސީދާ އެމަނިކުފާނު މައުލޫމާތު ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ،
"މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން" ކަމަށެވެ. އަދި ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު މިކަން މިގޮތުގައި ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުންތައް ތާވަލުކުރެވެމުންދާނެއެވެ. މިއީ ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި މީޑިއާތަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް 1 މާރިޗް 2026 އިން ފެށިގެން އަމަލު ކުރަން ފަށާފައިވާ އުސޫލެކެވެ.





