ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރު އަލުން ތަރުތީބުކުރައްވައި، ރައީސް މުޢިއްޒު ކުޑަ ކެބިނެޓެއް އިޢުލާނުކުރައްވައިފި

ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުތަކެއް ގެންނަވައިފި އެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. ސަރުކާރުން މި ބަދަލުތައް ސިފަކުރައްވަނީ ހިންގުން ހަލުވިކޮށް، މަސްއޫލިއްޔަތުތައް ތަރުތީބުކޮށް، އިސްކަންދޭ ދާއިރާތަކަށް ބޮޑު ސަމާލުކަމެއް ދިނުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.

އަލަށް ގެނައި ބަދަލުތަކާއެކު، ބަންޑާރަނައިބު އާއެކު ވަޒީރުންގެ މަޖިލީހުގެ އަދަދަކީ މިހާރު 13 އެވެ. މީގެ ކުރިން ކެބިނެޓުގައި 20 ވަޒީރުން ތިއްބެވިއެވެ. ބައެއް މިނިސްޓްރީތައް އެއްކޮށްލާފައިވާއިރު، އިދާރީ ގޮތުން މަސައްކަތްތައް ބައިބައިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެއްގޮތް ދާއިރާތައް ވަނީ އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކޮށްފައެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި 12 ވަޒީރަކު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. މީގެ ތެރޭގައި ކެބިނެޓަށް އަލަށް ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅުން ހިމެނެއެވެ.

އެއީ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި، އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ހައިކޮމިޝަނަރު ޑރ. އިރުތިޝާމް އާދަމް އާއި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަންކުރެއްވި ސަރުކާރުގެ ކުރީގެ ތަރުޖަމާނު ހީނާ ވަލީދާއި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަގާމަށް އައްޔަންކުރެއްވި ގީލާ އަލީގެ އިތުރުން، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމަށް އައްޔަންކުރެއްވި ކުރީގެ ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފެވެ.

އަލަށް އެކުލަވާލި ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ:
• މޫސާ ޒަމީރު، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
• ޢަލީ އިޙްސާން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ
• ޑރ. އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް
• ގީލާ ޢަލީ، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
• މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
• ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
• މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
• ހީނާ ވަލީދު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
• ޑރ ޢަބްދުﷲ މުއްޠަލިބް، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، އަރބަން އެންޑް ހައުސިންގ ޑިވެލޮޕްމަންޓް
• ޢަލީ ޝަރީފް، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
• ޑރ އިސްމާޢީލް ޝަފީޢު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް
• ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެމްޕަވަރމަންޓް އެންޑް ފިޓްނަސް

މީގެ އިތުރުން، ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދާއިރާ އެއްކޮށްލުމަށްވެސް ރައީސް ގެންދަވަނީ ވިސްނަވަމުންނެވެ. މިއީ ވަކިވަކި މިނިސްޓްރީތަކުގެ އަދަދު އިތުރަށް މަދުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ޑިފެންސް މިނިސްޓްރީއަށް މިވަގުތު ވަޒީރަކު އައްޔަންކުރައްވާފައެއް ނުވެއެވެ.

މި ބަދަލުތައް އަންނަނީ ހަމައެކަނި ކެބިނެޓަކަށް ނޫނެވެ. ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތައްވެސް ދަނީ މުރާޖަޢާ ކުރެވެމުންނެވެ.
މިދިޔަ ހަފުތާގައި ބައެއް މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފައިވާއިރު، މުއައްސަސާތަކުގެ ހިންގުން ވަޒަންކުރުމަށްފަހު އިތުރު ބަދަލުތައް އަންނާނެ ކަމަށް ބެލެވެއެވެ.

ރައީސް، ކެބިނެޓް ކުޑަކުރެއްވުމަށް ނިންމެވި ނިންމުމަކީ އިދާރީ ހިންގުން ހަރުދަނާކޮށް، ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިފިޔަވަޅަށް އާންމުންގެ ފަރާތުން ތަރުހީބު ލިބެމުން ދެއެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ގެންނެވި ބަދަލަށް ފަތުރުވެރިކަމުގެ ފަރާތްތަކުން ގެންދަވަނީ މަރުޙަބާ ދަންނަވަމުންނެވެ.

މިނިސްޓްރީތައް އެއްކޮށްލުމުން މަސައްކަތްތައް ތަކުރާރުވުން ކުޑަވާނެ ކަމަށް ބެލެވެއެވެ. އަދި މުހިންމު ކަމަށް ސަރުކާރުން ދެކޭ ދާއިރާތަކަށް އައު ވަޒީރުން އައްޔަންކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ދެން އޮތް މަރުހަލާގައި އައު ލީޑަރޝިޕެއް ފެނިގެންދާނެ ކަމެކެވެ.

ސަރުކާރާ ގާތް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލި އަވަސްކުރުމަށްޓަކައި މި އިސްލާހީ ބަދަލުތަކަކީ ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. ސަރުކާރުން ބުނެފައިވަނީ މި ބަދަލުތަކަކީ ވޯޓުލީ ފަރާތްތަކުން ދިން މެސެޖަށް އިޖާބަދިނުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމާއި ދައުލަތުގެ މުއައްސަސާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ވަރުގަދަކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ބަދަލުތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!