ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުން: ވަޒީރު ޑރ. މުއްޠަލިބް

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، ގޯތީގެ ރެޖިސްޓްރީ ހަދައި ހަވާލުކުރާނީ ބިން ހިއްކާ ނިމުމުން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް (އެމްޑީޕީ) ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 44 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. ބާކީ ހުރި 54 ހެކްޓަރު ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، މި މަހުގެ 31 ގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނިމުނު އެމްޑީޕީ ސަރުކާރުން ބިން ނުހިއްކާ ރެޖިސްޓްރީ ހަވާލުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ރެޖިސްޓްރީ ހެދޭނީ ހިކިފަސް ބިމަކަށް ކަމަށެވެ.

"ރާއްޖޭގެ ޤާނޫނުތައް އޮންނަގޮތުން ހިކިފަސް ތަނަކަށް ބިމުގެ ރެޖިސްޓްރީ ހެދޭނީ. ހިއްކާފައި ނެތް ތަނެއްގައި ރެޖިސްޓްރީގެ ގޮތުގައެއް ނުހެދޭނެ. ބިން ހިއްކާ ނިމެންވާއިރަށް، އެތަނުގެ ރެޖިސްޓްރީއާއި ގުޅޭ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

މަޖިލީހުގައި މިނިސްޓަރު މައުލުމާތު ދެއްވި ގޮތުގައި ގޯތިތަކުގެ އައު އެގްރީމެންޓުގައި ސޮއިކުރެވޭ މިންވަރަކުން ޕްލޮޓްތަކުގެ އިން ވަކިކޮށް ޕްލޮޓްތައް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ ކުރަމުން ނެވެ.

• އިން ވަކިކޮށް، ހުޅުމާލެ ފޭސް 3 އިން ހަވާލުކޮށްފައިވާ ޕްލޮޓްތަކުގެ އަދަދަކީ 125
• އިން ވަކިކޮށް، ގުޅިފަޅުން ހަވާލުކޮށްފައިވާ ޕްލޮޓްތަކުގެ އަދަދަކީ 169

• ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ ތެރެއިން އައު އެގްރީމެންޓްގައި ސޮއިކޮށްފައިވާ އަދަދު – 451
• ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން އައު އެގްރީމެންޓްގައި ސޮއިކޮށްފައިވާ އަދަދު – 2972

ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން އެތަނުން 5000 ގޯތި ދޫކުރުމަށް ނިންމާފައި އޮތް ނަމަވެސް، އާ ޕްލޭނަށް ބަލާއިރު އެ އަދަދަށް ގޯތި ދެވެން ނެތް ކަމަށެވެ. އެހެންކަމުން، އާންމުކޮށް އިޢުލާނުކޮށްގެން 1114 ގޯތި ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރު ވަނީ އާ ޕްލޭނާ އެއްގޮތަށް ގޯތީގެ ޕްލޮޓް ނަންބަރުތައްވެސް ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގިރާވަރު ފަޅު ހިއްކާ ސައިޓަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން މި މަސައްކަތް ހަވާލުކުރި އެމްއެފްއެމްސީއަށް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމުން، އެމްއޭސީއެލްއާ މަސައްކަތް ހަވާލުކުރީ މަޝްރޫޢު އަވަސްކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!