ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވިއްޖެނަމަ މެޑެލި ޖެހުމަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަޝްވަރާކުރެވެމުންދާ ކަންތައްތަކުގެ ތެރެއިން "ގާތްގަނޑަކަށް ހުރިހާ ކަމަކަށް" އީރާނުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ޓްރަމްޕްގެ މި ވާހަކައަކީ އޭނާއަށް ލިބޭ ވަސްވާސްތައް ކަމަށް އީރާނުން ބުނެއެވެ.
މިހާރު އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އަންނަ ހަފުތާގައި ހަމަވުމުގެ ކުރިން އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށާއި، ނަމަވެސް ވަގުތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ބޮން އަޅަން ޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަށްފަހު އީރާނުން އެހެން ތަނަކަށް ބަދަލުކުރި ކަމަށް ބުނާ ޔުރޭނިއަމްތައް ދޫކޮށްލުމަށް ތެހެރާނުން އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް މިއީ ޓްރަމްޕްގެ ހޮޅިވާހަކައެއް ކަމަށް އީރާނުން ސިފަ ކުރެއެވެ.
މި މައްސަލައިގައި ޕާކިސްތާނުން އަދާކުރަމުންދާ މެދުވެރިއެއްގެ ދައުރަށް ބައިނަލްއަގުވާމީ ސަމާލުކަން ވަނީ ލިބިފައެވެ. ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް މުނީރު ތެހެރާނަށް ކުރެއްވި 3 ދުވަހުގެ ޒިޔާރަތަކީ އިސްލާމްއާބާދުގައި މަޝްވަރާތަކުގެ ދެވަނަ ބުރެއް ބޭއްވުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފައިވަނީ ދެ ފަރާތާއެކުވެސް މުއާމަލާތްތައް ކުރިއަށްދާ ކަމަށެވެ.
މަޝްވަރާތަކުގެ އާ ބުރަކަށް ތައްޔާރުވުމުގެ ގޮތުން އިސްލާމްއާބާދާއި ރާވަލްޕިންޑީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކުރަން ފަށާފައެވެ. މިގޮތުން 11,000 އަށްވުރެ ގިނަ ސަލާމަތީ ބާރުތަކުގެ މުވައްޒަފުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ބެލެވެއެވެ.
މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އިންޒާރު ދެއްވާފައެވެ. ހަމައެއާއެކު، ވޮޝިންގޓަންގައި ކުރެވުނު މަޝްވަރާތަކަށްފަހު އިސްރާއީލާއި ލުބުނާނާ ދެމެދު 10 ދުވަހުގެ ވަގުތީ ހަނގުރާމަ ހުއްޓާލުމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފައެވެ.





