އެމްޑީޕީގެ މުޒާހަރާތަކަކީ އެތެރޭގެ އިންތިޚާބަށް ފޮޓޯ ހޯދަން ކުރާ ކަމެއް: ޝުޖާއު

އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުން ފޮޓޯ ހޯދަން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީން ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާ ގޮތަށް ކޮންމެ ރެއަކު ކުރާ މުޒާހަރާތަކަކީ ސަރުކާރުން ގޯސްކޮށް ކަމެއް ކޮށްގެން ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި މިވަގުތު ސިޔާސީ ގޮތުން އަނިޔާ ލިބޭ ނުވަތަ ނުހައްގުން ޖަލުގައި ހުރި އެއްވެސް މީހަކު ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި މުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ގުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް،" ޝުޖާއު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެއްވެސް އަސާސެއް ނެތި އެމްޑީޕީން މާލޭގެ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުރާ މި އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އއ ރަސްދޫގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވީ މާލެސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާ އަވަހަށް ހުތުރު މަންޒަރު ފެންނަން ފަށާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކަށް އަންނަ ބޭފުޅުންގެ ފަރާތުން ރިވެތި އަޚްލާޤު ފެންނަން ރައްޔިތުން އެދޭނެ ކަމަަށެވެ. ނަމަވެސް ހިތާމައަކީ ބައެއް ބޭފުޅުންގެ ފަރާތުން އެކަން ފެންނަމުން ނުދިއުން ކަމުގައި ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަ ކުރެއްވީ މާލެސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން ފެންނަމުންދާ ކަންކަމެވެ. ރައީސް ވިދާޅުވީ އެފަދަ ބައެއް ބޭފުޅުންގެ ފަރާތުން މިހާ އަވަހަށް ހަޑިހުތުރު ބަސްތައް ގޮވާ ހަމަޖެހުން ނަގާލާތަން ފެންނަން ފަށައިފި ކަމަށެވެ. އަދި ކޮންމެ ރެއަކު އެމްޑީޕީން މިހާރު ކުރިއަަަށް ގެންދާ މުޒާހަރާތަކުގައި އެފަދަ ބޭފުޅުން ވަރަށް ބޭއަދަބީ އަދި ހުތުރުބަސްތައް ބޭނުންކޮށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރަމުންދާ މި މުޒާހަރާތަކުގައި 12 ކަމެއް އިސްލާހު ކުރުމަށް ވަނީ ގޮވާލާފަ އެވެ. މީގެ ތެރޭގައި މާލޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މި މުޒާހަރާތަކުގައި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްގެ ބައެއް މެންބަރުން ވެސް ބައިވެރިވެ އަޑުއުފުލާފައިވެ އެވެ.

ހިއްސާ ކުރައްވާ!