ހުރުމުޒު ކަނޑުއޮޅި ކައިރީގައި އީރާނުން އެމެރިކާގެ މަނަވަރުތަކަށް ޑްރޯން ހަމަލާތަކެއް ދީފި

އޮމާން ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ ހުރުމުޒު ކަނޑުއޮޅި ކައިރިން އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީ، އެ ބޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔަ ހާދިސާއާ ގުޅިގެންނެވެ.

އީރާނުގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑްރޯން ހަމަލާތަކަކީ އެމެރިކާއިން އީރާނުގެ މުދާ އުފުލާ ބޯޓަށް ދިން ހަމަލާގެ ރައްދުގައި ދިން ދިފާއީ ހަމަލާތަކެކެވެ. ނަމަވެސް، މި ހަމަލާގައި ބޭނުންކުރި ޑްރޯންގެ އަދަދާއި، އެމެރިކާގެ މަނަވަރުތަކަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އެ އެޖެންސީން ވެސް އަދި އެމެރިކާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ކުރިމަތިލުން ހިނގާފައިވަނީ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުމާ އީރާނުގެ ބޯޓުން ޚިލާފުވި ކަމަށް ބުނެ އެމެރިކާ ސިފައިން އެ ބޯޓަށް އަމާޒުކޮށް ހަމަލާދީ، ބޯޓު ހިފެހެއްޓުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ދެ ހަފުތާގެ މުއްދަތަށް އިއުލާންކޮށްފައިވާ ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތެރޭގައެވެ.

ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ހޮނިހިރު ދުވަހު 20 ބޯޓު ހުރަސްކޮށްފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ޑޭޓާއިން ދައްކައެވެ. އަދި އީރާނުން މި ސަރަހައްދު ކޮންޓްރޯލު ކުރާއިރު މިއީ އެމެރިކާއިން އީރާން އުޅަނދަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. ނަމަވެސް ބްލޫމްބާގުން ބުނަނީ އާދީއްތަ ދުވަހު އެއްވެސް ބޯޓެއް ހުރަސް ނުކުރާ ކަމަށެވެ.

އީރާނުން ބުނެފައި ވަނީ އެމެރިކަގެ ސޮލީބީ އުދުވާނީ އަމަލުތަކާ ހެދި އިސްލާމްއާބާދުގައި ބާއްވަން އުޅޭ މަޝްވަރާތަކަށް އީރާނުން ހާޒިރު ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!