ލީބިޔާގެ ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ދަރިވަރުން ވަކިކުރަން ނިންމައިފި

ލީބިޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކުގެ ކްލާސްރޫމްތަކާއި، ކޮރިޑޯތަކާއި، ކުޅިވަރު ދަނޑުތަކުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން މުޅިން ވަކިކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެ ގައުމުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ނިންމުމާއެކު ދެ ޖިންސުގެ ދަރިވަރުން މައްސުނިކޮށް ހިންގާ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ ކުރިން ހުއްދަ ހޯދައިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނާ ގޮތުން މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ދީނީ އަދި ގައުމީ އަގުތައް ހިމާޔަތްކޮށް، ލީބިޔާގެ އާދަކާދަތަކާ ޚިލާފު ކަންކަން ހުއްޓުވުމެވެ. މި ފިޔަވަޅު އަޅާފައި މިވަނީ ދެ ދަރިވަރަކުް އުފާފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި އެ ވީޑިއޯއިން ފެންނަނީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި އެކްޓިވިސްޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން ތައުލީމީ މާހައުލަށް ހުރަސްތަކެއް ކުރިމަތިވެ، ޚާއްސަކޮށް ޕްރައިވެޓް ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކަށް މކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

މީގެ އިތުރުން، މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުން ސަމާލުކަން އަނބުރާލުމަށް މިފަދަ ކަންކަމަށް ސަރުކާރުން އިސްކަންދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

ހިއްސާ ކުރައްވާ!