ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ހަރުދަނާ ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ދާއިރާ ކުރިއެރުވުން މުހިންމު: ޑރ. ޢަބްދުﷲ މުއްޠަލިބު

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ހަރުދަނާ ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ދާއިރާ ކުރިއެރުވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް އިނފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަބްދުﷲ މުއްޠަލިބު ލިޔުއްވާފައިވާ މަޒުމޫނެއްގައި، ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއްތަލިބް ވިދާޅުވި ގޮތުގައި މި ދާއިރާއަކީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށާއި، ޤައުމުގެ ދިގު މުއްދަތުގެ ތަރައްގީއަށް އެހީތެރިވެދޭނެ ދާއިރާއެކެވެ.

އީޓުރުތު އެމްވީގައި ޝާއިއުކޮށްފައިވާ މަޒުމޫނުގައި މިނިސްޓަރު ވިދާޅުވީ، "މޯލްޑިވްސް" ބްރޭންޑަކީ ހަމައެކަނި ފަތުރުވެރިކަމަށްވުރެ ފުޅާ، ދުނިޔޭގެ ފެންވަރުގައި އަގުހުރި ބްރޭންޑެއް ކަމަށެވެ. ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަޤްވާމީ ގޮތުން އޮތް މަޤްބޫލުކަން ހާމަވެފައިވާއިރު، ރިއަލް އެސްޓޭޓް ދާއިރާގެ ސަބަބުން އިޤްތިޞާދީ ބިންގާ ފުޅާވެ، އިންވެސްޓަރުންނަށާއި ދިވެހި ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ލިޔުއްވާފައިވާ ގޮތުގައި، ރަނގަޅަށް ތަރައްޤީކުރެވިފައިވާ ރިއަލް އެސްޓޭޓް ދާއިރާއެއްގެ ސަބަބުން އިމާރާތްކުރުމާއި، މާލީ ދާއިރާއާއި، ޤާނޫނީ ދާއިރާއާއި، އިމާރާތާއި ރަށްވެހިކަން ފަރުމާކުރުމާއި، ޕްރޮޕަޓީ މެނޭޖްމަންޓް ފަދަ އެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. އަދި މޯގޭޖްތަކާއި، އިންވެސްޓްމަންޓް ފަންޑުތަކާއި، މާލީ އާ އުފެއްދުންތަކުގެ ޒަރީޢާއިން މާލީ ދާއިރާ ހަރުދަނާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިއަލް އެސްޓޭޓް ތަރައްޤީކުރުމަކީ އާ އަރބަން ސަރަޙައްދުތަކާއި ރޭވުންތެރިކަމާއެކު ބިނާކުރެވޭ މުޖުތަމަޢުތައް ބިނާކޮށް އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށާއި، މީގެ ސަބަބުން މަދު ސިނާޢަތްތަކަކަށް ޤައުމު ބަރޯސާވާ މިންވަރު ކުޑަކުރެވިގެން ދާނެކަމަށެވެ.

ރިއަލް އެސްޓޭޓް ދާއިރާގެ ކުރިއެރުމަކީ ޤައުމީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަރުދަނާ ރިއަލް އެސްޓޭޓް މާކެޓެއް އޮތުމުން، އަގުހެޔޮ ބޯހިޔާވަހިކަމުން ފެށިގެން މެދު ފަންތީގެ އަދި ޕްރީމިއަމް ފެންވަރުގެ ބޯހިޔާވަހިކަމާ ހަމައަށް، ތަފާތު އާމްދަނީ ލިބޭ ފަރާތްތަކަށް ޕްޜޮޑަކްޓްތައް އިޚްތިޔާރުތައް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޮތް ބުރަ ކުޑަވެ، ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމުގައި އަމިއްލަ ދާއިރާގެ ދައުރު ބޮޑުވެގެންދާނެ ކަމަށް މިނިސްޓަރ ވަކާލާތު ކުރައްވައެވެ.

މިނިސްޓަރު ވިދާޅުވީ، ރިއަލް އެސްޓޭޓް ދާއިރާ ބިނާކުރަންވާނީ ބިން ބެލެހެއްޓުމާއި، މިލްކުވެރިކަމުގެ ރެކޯޑުތަކާއި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތަކާއި، ޖިއޮސްޕޭޝަލް ޑޭޓާ އަދި ތަރައްޤީކުރުމުގެ ސާފު ދެފުށްފެންނަ އުޞޫލުތަކުގެ މައްޗަށް އެކުލެވޭ ވަރުގަދަ ބިންގަލެއްގެ މައްޗަށް ކަމަށެވެ. އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުން ބިނާވެފައިވަނީ ބިން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއްގެ މައްޗަށް ކަމަށް މިނިސްޓަރ މުއްޠަލިބް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 14 އެޕްރީލް 2026 ގައި މިނިސްޓްރީ އޮފް އިނފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަސްއޫލިއްޔަތުތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ސަބަބަކީ މިއީއެވެ. ބިމާއި، ބޯހިޔާވަހިކަމާއި، ރިއަލް އެސްޓޭޓާއި، އުމްރާނީ ތަރައްޤީ އަދި އަރބަން ޑިވެލޮޕްމަންޓް އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުމަކީ، ރިއަލް އެސްޓޭޓްގެ ތަޞައްވުރު ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރަންޖެހޭ ދާއިރާތައް އެއް މިސްރާބަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ދިގު މުއްދަތުގެ ރޭވުންތެރިކަމާއި، ޒިންމާދާރު ގަވާއިދުތަކާއި، ޤައުމީ މަޞްލަޙަތަށް އިސްކަންދޭންޖެހޭ ކަމަށް މިނިސްޓަރު ލިޔުއްވާފައިވެއެވެ. އަދި އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިންނާއި ރައްޔިތުންގެ އެއްބާރުލުމާއެކު މި ތަޞައްވުރު ތަންފީޒުކޮށްފިނަމަ، ދިވެހިންނަށް ދެމެހެއްޓެނިވި ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި މަޒުމޫނަކީ މިނިސްޓަރުގެ ރަސްމީ ހައިސިއްޔަތުން ޝާއިޢުކުރައްވާފައިވާ މަޒުމޫނެކެވެ.

Minister Muththalib Says Real Estate Is Key to Economic Diversification in New Op-Ed

 

ހިއްސާ ކުރައްވާ!