މިޞްރުގެ ސީނާ ސަރަޙައްދުގައި ދިރޭ ވަޒަން ބޭނުންކޮށްގެން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ނިންމުމާ ގުޅިގެން، ބޯޑަރުގެ އަނެއް ފަރާތުގައި ތިބޭ ޔަހޫދީންނާ ސިފައިންގެ މެދުގައި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. މި ތަމްރީނުތަކަކީ 1979 ވަނަ އަހަރުގެ ސުލްޙައިގެ މުޢާހަދާގެ ދަށުން އިސްރާއީލާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނަމަވެސް، ބޯޑަރު ކައިރީގައި ދިރިއުޅޭ ޔަހޫދީން މިކަމާ މެދު ނުރުހުން ފާޅުކުރަމުންދެއެވެ.
އިސްރާއީލުގެ މީޑިއާން ރިޕޯޓްކުރާ ގޮތުގައި، ޣައްޒާ ކައިރީގައި ދިރިއުޅޭ ޔަހޫދީ ރައްޔިތުން ބިރުގަންނަނީ 2023 އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާގެ ކުރިން ފެނުނު ފަދަ ޙާލަތެއް ތަކުރާރުވެދާނެތީއެވެ. ބޯޑަރު ކައިރީގައި އޮންނަ ބްނޭ ނެޓްޒަރިމް އަވަށުގެ ރަށެއްގެ މީހަކު ޔަހޫދީ މީޑިއާއަށް ބުނެފައިވަނީ، ބޭރުގެ ލަޝްކަރަކުން ބޯޑަރުގެ ކައިރީގައި ވަޒަން ބޭނުންކޮށްގެން ތަމްރީނުތައް ހެދުމަށް އިސްރާއީލު ސިފައިން ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ބަޑީގެ އަޑަކީ މުދާ ވަގަށް ގެނައުމަށް ނުވަތަ ކުއްލި ހަމަލާއެއް ދިނުމަށް ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު އައްޑަނައެއް. އެމީހުން ބޯޑަރާ މިހާ ކައިރިވާން އިސްރާއީލުން ދޫކޮށްލަނީ ކީއްވެ؟ ސައިނާއީގައި އެމީހުން ތަމްރީނު ހަދާނެ ބޮޑެތި ހުސް ބިންތައް އެބައޮތް،" ޔަހޫދިއަކު ބުންޏެވެ.
އިސްރާއީލުގެ ބޯޑަރު ކައިރީގައިވާ ޔަހޫދީ ބަސްތީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޫބަރު 7 ގެ ހާދިސާގެ ކުރިން ފެނުނު ފަދަ ނުރައްކާތެރި ކަންތައްތަކެއް އަލުން އުފަންވިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ބޯޑަރު ކައިރީގައި ދިރިއުޅޭ ޔަހޫދީންނަކީ އިސްރާއީލުގެ ތަޖުރިބާކުރާ ތަނެއް ނުވަތަ މިޞްރު ސިފައިންގެ ތަމްރީނު މައިދާނެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި ފަހަކަށް އައިސް ޣައްޒާ ބޯޑަރު ކައިރިން ބެލޫންތައް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ލިބިފައެވެ. މިއީ މީގެ ކުރިން ވެސް އިސްރާއީލުން ދޫކޮށްލާފައިވާ ކަންކަން ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ސަލާމަތީ ނުރައްކާ ބޮޑުވަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
މިޞްރުން މި ތަމްރީނުތައް ބާއްވަނީ ސަރަޙައްދީ ރަފަޙް ބޯޑަރު ކައިރީގައި ކަމަށްވާއިރު، މިއީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ހިނގަމުންދާ ސަރަޙައްދެކެވެ. އިސްރާއީލުގެ ސިޔާސީ ވެރިންނަށް މި ތަމްރީނުތައް ހުއްޓުވުމަށް ރައްޔިތުން ދަނީ ބާރުއަޅަމުންނެވެ.




