އީރާނު ހަނގުރާމައާއި އަގުތައް ބޮޑުވުމުގެ ސަބަބުން ޓްރަމްޕްގެ މަގުބޫލުކަން ރެކޯޑް މިންވަރަކަށް ދަށަށް

ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން ކުރިއަށްގެންދިޔަ އައު ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން މި ދައުރުގައި މިހާތަނަށް ނުދާހާ ދަށަށް ގޮސްފިއެވެ. މި ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސާވޭގެ ނަތީޖާ ދައްކާގޮތުން، ޓްރަމްޕްގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހެނީ އެމެރިކާގެ އެންމެ 34 އިންސައްތަ މީހުންނެވެ. މިއީ އޭޕްރީލް މަހުގެ މެދުތެރޭގައި ކުރި ސާވޭއާ އަޅާބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ. ޖެނުއަރީ 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޓްރަމްޕްގެ މަގުބޫލުކަން ހުރީ 47 އިންސައްތައިގައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާގެ އޮޓޯމޮބައިލް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، މިދިޔަ އަހަރު 3.16 ޑޮލަރަށް ހުރި ތެޔޮ ގެލަންއެއްގެ އަގު މިހާރު ވަނީ 4.18 ޑޮލަރަށް އަރާފައެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރަނީ އެންމެ 22 އިންސައްތަ މީހުންނެވެ.

ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިހާބާ ކުރިމަތިލާއިރު، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާނުންނާއި ލެޓިނޯ ދަރިކޮޅުގެ މީހުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ލޮސް އެންޖެލިސް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލެޓިނޯ ވޯޓަރުންގެ މެދުގައި ޓްރަމްޕަށް އޮތް 48 އިންސައްތައިގެ ތާއީދު މިހާރު ވަނީ 22 އިންސައްތައަށް ވެއްޓިފައެވެ.

ފޮކްސް ނިއުސްއިން ކުރި ސާވޭއަކުން ދައްކާގޮތުގައި، 64 އިންސައްތަ ވޯޓަރުން އީރާނު މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު ހިތްހަމަނުޖެހެއެވެ. އަދި ޖުމްލަ ގޮތެއްގައި 59 އިންސައްތަ މީހުން ޓްރަމްޕްގެ ވެރިކަމާ ދެކޮޅުކަން ފާހަގަކޮށްފައިވާއިރު، މިއީ އޭނާގެ ދެ ދައުރުގައިވެސް މިހާ މަތީ އަދަދަކަށް ދެކޮޅުވެރިކަން ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

ހިއްސާ ކުރައްވާ!