އެމެރިކާއިން އިސްރާއީލަށް ދޭ ސީދާ އެހީތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ފަށަނީ

އެމެރިކާއިން އެގައުމުގެ ޕްރޮކްސީއެއް ކަމަށްވާ ޖެނޮސައިޑް ހިންގާ އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ އެހީތަކުގެ ސިފަ ބަދަލުކޮށް، ކުރިއަށް އޮތް 10 އަހަރު ދުވަހަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ އަސްކަރީ މަޝްވަރާތަކަށް ދެ ގައުމުން ތައްޔާރުވާން ފަށައިފިއެވެ. އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލާނީ މިހާރު ދެމުންދާ ސީދާ އެހީގެ ބަދަލުގައި، ދެ ގައުމު ގުޅިގެން ފަންޑުކުރާ އަދި ޓެކްނޮލޮޖީ ތަރައްގީކުރާ ޑިފެންސް ޕާޓްނަޝިޕަކަށް ބަދަލުވުމަށެވެ.

ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން އައިސްފައިވަނީ އީރާނާއެކު އޮތް ހަމަޖެހުން ނާޒުކު ފަންތިއެއްގައި އޮތް ދަނޑިވަޅެއްގައެވެ. އަދި ލުބުނާނު ބޯޑަރުގައި އިސްރާއީލު ސިފައިންގެ ގާބިލުކަން ކުޑަވަމުންދިއުމާއި، އެމެރިކާގެ ކޮންގްރެސްގެ ތެރެއިން އިސްރާއީލަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެންނެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގަންނަވާއިރު، އިސްރާއީލުގެ ފަރާތުން ބައިވެރިވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް އަމީރު ބާރަމް އެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ލޭޒާ އެއާ ޑިފެންސް ސިސްޓަމްތަކާއި، ހައިޕަސޯނިކް މިސައިލްތައް ހުއްޓުވާ ނިޒާމުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޖައްވީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށެވެ.

އެމެރިކާގެ އެހީގެ މޮޑެލް ބަދަލުވުމާ ގުޅިގެން އިސްރާއީލުގެ އެތެރޭގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. ހާއްސަކޮށް އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު އިސްރާއީލުގެ އަސްކަރީ ޚަރަދުތައް 144 ބިލިއަން ޝެކްލްއަށް އަރާފައިވާއިރު، އެމެރިކާގެ އެހީ ކުޑަވުމުން އެކަން ފޫބެއްދުމަށް އިސްރާއީލުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެއެވެ.

އިސްރާއީލު ސަރުކާރުން މިހާރުވެސް ދަނީ އަހަރީ އަސްކަރީ ބަޖެޓު 35 ބިލިއަން ޝެކްލްއަށް އިތުރުކުރުމަށް ރާވަމުންނެވެ. މި ބަދަލާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އާ ހަރުފަތަކަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ އިސްރާއީލުގެ ދިފާއީ ބަޖެޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މުހައްލިލުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!