މޭވާއާއި ތަރުކާރީގެ އަގުތައް މިދިޔަ އަހަރަށްވުރެ ބޮޑަށް ދަށަށް ގޮސްފި: ވަޒީރު ސައީދު

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ ބާޒާރުގައި ތަރުކާރީގެ އަގު %5 ދަށަށް ގޮސް، މޭވާގެ އަގު %15.56 އަށް ދަށަށް ގޮސްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ކަމަށެވެ. އަދި މިދިޔަ މާރިޗު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ އެންމެ %1.95 ގައެވެ.

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކާ ގުޅިގެން ޝިޕިން ރޫޓުތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، ރާއްޖެއަށް މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެމްޕީއެލްއިން ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ހުރި ތޮއްޖެހުން ކުޑަކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރި މުދަލާއި ބޭރުކުރި މުދަލުގެ ތަފާސްހިސާބުތަކަށް ބައްލަވައިލައްވަމުން ވަޒީރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި މުދާ އެތެރެކުރުމުގެ ދާއިރާއަށް އަންނަ ކުރިއެރުންތައް ތަފްސީލުކޮށްދެއްވާފައެވެ.

ހިއްސާ ކުރައްވާ!