ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް އާދިއްތަ ދުވަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. މި މަޝްވަރާތަކަށްފަހު، ދެ ސަރުކާރުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ 7 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުންތައް ބަދަލުކުރެވޭނީ ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަފުދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި އިންތިޒާމުކޮށްފައިވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ ކޮލަމްބޯއާއެކު އޮތް ގުޅުން ބަދަހިކޮށް، ލަންކާގައި ތިބި ދިވެހިންނަށް ހުރި ފުރުޞަތުތައް ފުޅާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސްގެ ބައްދަލުވުންތައް ބިނާވާނީ އަމަލީ ގޮތުން ދެޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ދިގުމުއްދަތުގެ ބައިވެރިވުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބްރީފިންގްގައި ޝަރީފް އިތުރަށް ވިދާޅުވީ، އާންމުންނާ އޮންނަ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން ޓިކްޓޮކް އަދި އިންސްޓަގްރާމް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރައްވަން ފައްޓަވާނެ ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފާހަގަވެގެން ދިޔައީ ވަރަށް ނުރަސްމީ އަދި ހުޅުވާލެވިފައިވާ ބައްދަލުވުމެއްގެ ގޮތުގައެވެ.



