ހޯމް މިނިސްޓަރ އަލީ އިހުސާން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މިނިސްޓަރ ވިދާޅުވީ، ތިމަން މަނިކުފާނު "މަގާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން" ކަމަށެވެ.
މިނިސްޓަރ މި ރައްދު ދެއްވީ ފުލުހުންގެ ތަހުގީގުތަކަށް ވަޒީރު ނުފޫޒު ފޯރުވާކަމަށް ދޭހަވާ މޭރުމަކުން ދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި މަދު ދުވަސްކޮޅަކަށް އުއްތަމަ ފަނޑިޔާރުގެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަހުމަދު އަބްދުﷲ ދީދީ، އެކްސްގައި ކުރެއްވި ލަންބާޗޯޅާ ލިޔުމެއްގައި ވިދާޅުވީ ޖިނާއީ ތަހުގީގު ހިންގުމަށް ގާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާއަކަށް ވީނަމަވެސް، އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުފޫޒު ފޯރުވުމުގެ ބާރު ވަޒީރަށް ލިބިގެން ނުވާ ކަމަށެވެ.
ދީދީގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންނުވާތީ އެ ބާރު ބޭނުން ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
މިނިސްޓަރ އިހުސާންގެ ރައްދުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައި ވިދާޅުވީ، "އަޅުގަނޑު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން" ކަމަށެވެ. މިއީ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަނޑިޔާރުކަމުގެ ދުވަސްވަރު އަމަލުކުރެއްވި ގޮތަށް އިޝާރާތް ކުރައްވައި ދެއްވި ވަރުގަދަ ރައްދެކެވެ.
މިނިސްޓަރ އިހުސާންގެ މި ރައްދަކީ ދީދީގެ ލިޔުމަށް ދެއްވި "ސަޅި" ރައްދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.



