އެމެރިކާގެ ބޮޑާކަން ދެއްކުމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ކުރިއަށްދާ ހިސާރަ ކުރުން ދިފާއުކުރައްވަމުން، އެމެރިކާގެ ކަނޑުގެ ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފާޅުގައި ސިފަކުރައްވާފައެވެ. މި ވާހަކަތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔަމަނުގެ ކުރެހުންތެރިއަކު ކުރަހާފައިވާ، އަދި މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރެމުންދާ މަލާމާތުން ފުރިގެންވާ ކާޓޫނެއް ވަނީ މަގްބޫލު ވެފައެވެ.
ޔަމަނުގެ ކުރެހުންތެރިޔާ ކަމާލް ޝަރަފް ތައްޔާރުކޮށްފައިވާ މި ކާޓޫނުން ޓްރަމްޕް ފެންނަނީ ކަނޑުފޭރޭ މީހެއްގެ ސިފައިގައެވެ.
އެމެރިކާގެ ދިދަ ޖަހާފައިވާ ތިނެސްކަން ތޮފީގެ ދަށުން ޓްރަމްޕްގެ އޮރެންޖު ކުލައިގެ އިސްތަށިގަނޑު ފެންނަން ހުރިއިރު، އެއް ލޮލުގައި ވަނީ ފޮތިގަނޑެއް އަޅާފައެވެ. އަދި 18 ވަނަ ގަރުނުގެ ކަނޑުފޭރޭ މީހުންނާ އެއްގޮތް ރަތް ކޯޓެއް ލައިގެން ހުރި ޓްރަމްޕް، މޮޔައެއް ފަދައިން ހިނިތުންވެ ހުރެ، "އޮއިލް" ޖަހާފައިވާ ކަޅު ތެޔޮ ފީފާއަކަށް ސަވާރުވެގެން އިނދެއެވެ. އަދި ރާޅުބާނިތަކުގެ ތެރޭގައި ޓްރަމްޕް ކަނޑިއެއް ހޫރުވަމުންދާ މަންޒަރު މި ކާޓޫނުން ފެނެއެވެ.

މިއީ ހުރުމުޒް ކަނޑުއޮޅިން އީރާނުގެ ތެޔޮ ޓޭންކަރުތަކާއި މުދާ ވޮޝިންގޓަނުން ފޭރެމުންދާ ދިއުމަށް އަމާޒުކޮށްފައިވާ މަލާމާތުގެ ކުރެހުމެކެވެ.
މި ކުރެހުން އެކްސް ގައި ޕޯސްޓްކޮށްފައިވަނީ ޓްރަމްޕްގެ އަމިއްލަ ބަސްފުޅުތަކަށް ސީދާ އިޝާރާތްކޮށެވެ: "އަހަރެމެންނަކީ ކަނޑުފޭރޭ މީހުން ކަހަލަ ބައެއް،" އަދި "އަހަރެމެން މިއީ ކޮންމެވެސް ވަރަކަށް ކަނޑުފޭރޭ މީހުން ކަހަލަ ބައެއް. އެކަމަކު އަހަރެމެން މިއުޅެނީ ކުޅޭކުޅޭ ކަމެއްގައެއް ނޫން." ޓްރަމްޕް ބުނެފައި ވެއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ ފްލޮރިޑާގައި ބޭއްވި އެއްވުމެއްގައެވެ. އެ އެއްވުމުގައި އޭނާ ވަނީ އީރާނާ ގުޅުންހުރި އުޅަނދުތަކާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަންތަކުގެ ވާހަކަ ވަރަށް އުފަލާއެކު ކިޔައިދެއްވާފައެވެ. "އަހަރެމެން… އާގުބޯޓުތަކަށް އެރިގަނެ އެ، ބޯޓު އަހަރެމެންގެ ބާރުގެ ދަށަށް ގެނައިން. އަހަރެމެން މުދާ ފޭރިގަތިން، އަހަރެމެން ތެޔޮ ފޭރިގަތިން. މިއީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއް،" އޭނާއަށް ތާއީދުކޮށް އަޑުގަދަކުރަމުންދިޔަ މީހުންގެ ގާތުގައި ޓްރަމްޕް ފޮނިކަނޑަމުން ދިޔައެވެ.
ގާނޫނީ މާހިރުންނާއި ސަރަހައްދީ ސަރުކާރުތަކުން ވަނީ ޓްރަމްޕްގެ މި ރޮދިކެނޑިފައިވާ ވާހަކަތަކަކީ ވޮޝިންގޓަނުން ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުންދާކަމަށް ލަދުކުޑަގޮތަކަށް އިއުތިރާފުވުން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އދ. ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ ފަދަ ބައިނަލްއަގުވާމީ އެއްބަސްވުންތަކުގެ ދަށުން، ގާނޫނީ ސާފު އުޒުރެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ އުޅަނދުތަކާއި މުދާ ހިފެހެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެކެވެ.
ޓްރަމްޕްގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަނީ "ކަނޑުފޭރޭ މީހުން ފަދައިން" ކަމަށް އިއުތިރާފުވުމުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކަކީ އެމީހުންގެ އަމިއްލަ ލޫޓުވާ މައިދާނެއްގެ ގޮތުގައި ދެކޭ ސަރުކާރަކަށް ފާޑުކިޔާ ފަރާތްތަކަށް، އެމެރިކާގެ ރައީސް މިވަނީ އެންމެ ފުރިހަމަ މިސާލު ދައްކަވައިދެއްވާފައެވެ.





