ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަނީ ބަދަހި އެކުވެރި ގުޅުމެއް: ރައީސް

ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މި ރަސްމިއްޔާތުގައި ދެ ޤައުމުގެ އިސްވެރިން އިންދަވާފައިވަނީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ "ހޯސްފީލްޑިއާ އިރީއޫގެޑީ" ނަމަކަށް ކިޔާ ގަހެކެވެ. މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި، ސިޔާސީ ގުޅުމާއި ޒަމާންވީ އެކުވެރިކަން ދެމިއޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ދެ ޤައުމުން ކުރާ ގުޅިފައިވާ މަސައްކަތްތައް ހާމަކޮށްދޭ ރަމްޒެއްވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ އަދި ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑޮކްޓަރ ޖަގަތް ވިކްރަމަރަތްނަ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި މެހުމާންދާރީ، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު އަދި ތަމްރީން ފަދަ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކުން ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެ ފަރާތުންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.

ހިއްސާ ކުރައްވާ!