ޖަޕާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ފުޖިސާވާގައި އައު މިސްކިތެއް ބިނާކުރުމަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ ގައުމުގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި މުސްލިމުން ފޭދެމުންދާ މިންވަރާ މެދު ގައުމީ ފެންވަރުގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ފުޖިސާވާ މަސްޖިދު ޖަމުއިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މިއަހާރާ ޑިސްޓްރިކްޓްގައި ހުރި ފަޅު ފެކްޓްރީއެއް ދެބުރި އިމާރާތް މިސްކިތަކަށް ބަދަލުކުރުމުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢާ ދެކޮޅަށް އޭޕްރީލް 2026 ގައި އެތައް ހާސް ބަޔަކު ވަނީ ފުޖިސާވާ ސްޓޭޝަން ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މިސްކިތުގެ ސަބަބުން އެ ސަރަހައްދުގެ ސަގާފީ ބަހާތަކަށް ދާއިމީ ބަދަލުތަކެއް އަންނާނެއެވެ. ޚާއްޞަކޮށް މީލާދީން 460 ވަނަ އަހަރުން ފެށިގެން ހުރި ސަމުކާވާ ޝިންޓޯ ފައްޅިއާ ކައިރީގައި މިސްކިތް ބިނާކުރުމުން، އާސާރީ ތަންތަނުގެ ހައިބަތަށް އަސަރުކޮށް، އަވަށުގެ ހިމޭންކަން ގެއްލިދާނެ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
އަވަށްޓެރިން ފާހަގަކުރާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ބޭރަށް އަޑުއިވޭގޮތަށް ބަންގި ގޮވުމާއި، ހުކުރު ނަމާދު ވަގުތުތަކުގައި ކުރިމަތިވާނެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޖަނާޒާގެ ކަންކަމާއި ދީނީ އާދަކާދަތަކަށް މީހުން އަހުލުވެރި ނުވުމަކީ ވެސް އާންމުންގެ މެދުގައި އޮތް ބިރުވެރިކަމެކެވެ.
ވާސެޑާ ޔުނިވަރސިޓީގެ ދިރާސާތަކުން ދައްކާގޮތުގައި ޖަޕާނުގެ މުސްލިމް އާބާދީ ވަނީ 2010 ވަނަ އަހަރު ހުރި 110،000 އިން 2024 ވަނަ އަހަރުގެ ނިޔަލަށް 420،000 އަށް އިތުރުވެފައެވެ. މީގެ ސަބަބުން ނަމާދުކުރާނެ ތަންތަނަށް އޮތް ޑިމާންޑް ވަނީ ދެގުނަ އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ޖަޕާނުގައި ހުރި މިސްކިތްތަކުގެ އަދަދު ވަނީ 164 އަށް އަރާފައެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މި މަޝްރޫޢަކީ ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވާ މަޝްރޫޢެއް ކަމަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށް މާހިރުން އިންޒާރުދެއެވެ. މިކަމާ ގުޅިގެން ފުޖިސާވާ މަސްޖިދު ޖަމުއިއްޔާއިން ވަނީ ބަންގީގެ އަޑު އިވޭނީ ހަމައެކަނި މިސްކިތުގެ އެތެރެއަށް ކަމަށާއި، ޓްރެފިކް ބެލެހެއްޓުމަށް އަމިއްލަ މުވައްޒަފުން ބޭނުންކުރާނެ ކަމަށް ބުނެފައެވެ.
ކެއިއޯ ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޔޯ ނޮނާކާ ވިދާޅުވީ، "ނުދަންނަ ސަގާފަތްތަކާ މެދު ކަންބޮޑުވުން އުފެދުމަކީ ތަބީއީ ކަމެއް ނަމަވެސް، ނުބައި މައުލޫމާތު ފަތުރައިގެން ބިރުވެރިކަން އުފެއްދުމަކީ މައްސަލައެއް. މުސްލިމުންނަކީ މުޖުތަމަޢުގެ މެންބަރުންގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހޭ" ކަމަށެވެ.
މި މިސްކިތާ އެންމެ ކައިރި މިސްކިތް ވެސް ހުންނަނީ 20 ކިލޯމީޓަރު ދުރުގައެވެ. މި މިސްކިތް ބިނާ ކުރުމުގައި އިސްކޮށް އުޅެނީ ޖަޕާނު މީހަކާ އިނދެގެން އުޅޭ ސްރީލަންކާގެ މުހައްމަދު ޚަލީލު އެވެ.
ޓޯކިޔޯއިން ފުރައިގެން ފުޖީސާވާއަށް ދޮޅުގަޑިން ދެވެއެވެ.







