ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ރާއްޖޭގައި ސައްހަ ވޯކްޕާމިޓްގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތާއި، 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ. "ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތައްް،" ރައީސް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ބުރު މިއަދު ފަށާފައެވެ. މި ބުރުގައި ހާއްސަ އިސްކަމެއް ދެނީ މިހާތަނަށް ބަޔޯމެޓްރިކްސް މައުލޫމާތު ދީފައިނުވާ ބިދޭސީން ހޯދުމަށެވެ. ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި، މިހާތަނަށް 206,000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު، ފިންގަޕްރިންޓް ނުދީ އަދިވެސް 2,933 މީހަކު އެބަތިއްބެވެ.
މާލޭގެ 26 ޒޯނަކަށް ބަހާލައިގެން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންގެ 100 އޮފިސަރުން ބައިވެރިވިއެވެ. މި އޮޕަރޭޝަންގައި 639 ތަނެއް ބަލައި ފާސްކޮށް، 1,344 ބިދޭސީން ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން ވިސާގެ މައްސަލަ ހުރި 254 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިންނަށް އިމިގްރޭޝަނުން ވަނީ ނޯޓިސް ދީފައެވެ. މި ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މަސްތަކުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.






