ސްރީލަންކާގެ ބުދުދީނުގެ އެންމެ ނުފޫޒުގަދަ އަދި އެންމެ އިސް ހާމުދުރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ އެ ގައުމުގެ ދީނީ އިސް ފަރާތަކާ ދެކޮޅަށް މިފަދަ މައްސަލައެއްގައި ފިޔަވަޅު އެޅުނު އެންމެ މަތީ ފަންތީގެ ނާދިރު މައްސަލައެވެ.
އުމުރުން 71 އަހަރުގެ ޕަލްލެގަމާ ހެމަރަތަނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު، ވެރިރަށް ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްވީ، 2022 ވަނަ އަހަރު އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅިގެންނެވެ.
މި ހާދިސާ ހިނގާފައިވަނީ ކޮލަމްބޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު އުތުރުގައި އޮންނަ އަނޫރާދަޕޫރާގެ މުގައްދަސް ފައްޅިއެއްގައެވެ. ހެމަރަތަނާ އަކީ އެ ސަރަހައްދުގައި ހުންނަ 8 ފައްޅިއެއްގެ އެންމެ އިސް އިމާމް ހާމުދުރުގެ އިތުރުން، ބުދުދީނުގެ މީހުން ވަރަށް ބޮޑަށް އިހުތިރާމްކުރާ "ބޯދި" ގަހުގެ މައި ވަލީވެރިޔާވެސް މެއެވެ.
ސްރީލަންކާގެ ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި އިތުރު ފިޔަވަޅުތައް އެޅުމުގައި ކޯޓުގެ އިރުޝާދަށް ބަލާނެއެވެ. އަދި މި އަމަލު ހިންގުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި، އަނިޔާ ލިބުނު ކުއްޖާގެ މަންމަވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މި ހައްޔަރު ކުރުމުގެ އެއް ދުވަސް ކުރިން، އަނޫރާދަޕޫރާގެ ކޯޓަކުން ވަނީ ހެމަރަތަނާ ގައުމުން ބޭރަށް ދިއުން މަނާކޮށް އަމުރެއް ނެރެފައެވެ. ސްރީލަންކާގައި ފާދިރީން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވީ ނަމަވެސް، މިއީ މިހާ މަތީ ފަންތީގެ ހާމުދުރަކު މިފަދަ ހުތުރު އަމަލެއްގެ ތުހުމަތުގައި ހައްޔަރުކުރާ ފުރަތަމަ ފަހަރެވެ.


