އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަވަހާރަކޮށްލަން މަސައްކަތްކޮށްފިނަމަ ނުވަތަ އެ ގައުމުގެ ނިއުކްލިއާ ކޮމާންޑް ސިސްޓަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އޮޓޮމެޓިކް ނިޒާމެއްގެ ދަށުން ވަގުތުން ނިއުކްލިއާ ހަމަލާ ދޭން ފަށާނެކަމަށް ބުނެ އެ ގައުމުން ދުނިޔެއަށް ބިރުވެރި އިންޒާރެއް ދީފިއެވެ.
ބްރިޓިޝް ނޫހެއް ކަމަށްވާ 'ދަ ޓެލެގްރާފް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާގެ ގާނޫނުއަސާސީއަށް މިހާރު ވަނީ އާ އިސްލާހުތަކެއް ގެނެސްފައެވެ. މި އިސްލާހުތަކުގެ ދަށުން އެ ގައުމުގެ ނިއުކްލިއާ ހަމަލާދޭ ނިޒާމު މިހާރު ވަނީ 'އޮޓޮމެޓިކް' މޯޑަށް ބަދަލުކޮށްފައެވެ. މި ނުރައްކާތެރި ނިންމުން ނިންމާފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި މުޝީރުންނަށް އަމާޒުކޮށް ސޮލީބީ އެމެރިކާއާއި ޖެނޮސައިޑް އިސްރާއީލުން ދިން ހަމަލައިން އިބްރަތް ލިބިގެންނެވެ.
އުތުރު ކޮރެއާގެ އާ ސިޔާސަތުގައިވާ ގޮތުން، ދުޝްމަނުން އެ ގައުމުގެ ލީޑަރު އަވަހާރަކޮށްލަން ނުވަތަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން މަސައްކަތްކޮށްފިނަމަ، އެއްވެސް އިންސާނީ ތަދައްޚުލެއް ނެތި އަދި އެއްވެސް ލަސްކުރުމެއްނެތި ރައްދުގައި ނިއުކްލިއާ ހަމަލާ އަމިއްލައަށް ފޮނުވާލެވޭނެއެވެ.
މި ފިޔަވަޅަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. ނަމަވެސް، އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި މި ނިންމުމުގެ ސަބަބުން އެ ސަރަހައްދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު ކުރިއަށްވުރެ ބޮޑުވެގެންދާނެއެވެ.


