ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ދަނީ: ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ސަރުކާރުން ބަލަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން ދަނީ މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވާ ގޮންޖެހުންތައް ދިރާސާކުރަމުން ކަމަށެވެ. އަދި މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަދި ކުރިއަށް އޮތްތާ މިކަމާ ގުޅުންހުރި ކަންކަން ފައިނަލް ކޮށްފައި އަޅުގަނޑުމެންނަށް އެނގޭނީ ކޮބާތޯ ކުރެވޭނެ ކަންކަމަކީ. މިހާރު ހަމަ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ މި މައްސަލައިގައި ދިރާސާތައް ކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުން،" ރައީސް ވިދާޅުވި އެވެ.

މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މާޗު މަހުން ފެށިގެން ޓޫރިޒަމް ދާއިރާއަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް މާޗު އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 843,969 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 892,020 ފަތުރުވެރިންނާ އަޅާބަލާއިރު 5.4 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަހު ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 13.8 އިންސައްތަ އިތުރުވެ، އަށް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ.

އިގްތިސާދީ މި ގޮންޖެހުންތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މާލީ ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކޮށް، ޖަމިއްޔާތަކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބުކިންތައް އިތުރަށް ދަށްވެދާނެ ކަމުގެ ބިރު އޮތްކަން ހާމަކޮށްފަ އެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް ދެވޭނެ އެންމެ ފަހި އެހީތެރިކަމެއް ދެނެގަތުމަށެވެ.

ހިއްސާ ކުރައްވާ!