ކްރިމިނަލް ކޯޓުން ނެރުނު އަމުރުބޮލާލައި ޖެހުމުން މިނިސްޓަރ ސައީދުގެ ފާޑު ކިޔުން

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާގެ މައްސަލައިގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަދޭ ކަމަށާއި، އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށެވެ. ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ބައެއް ނޫސްތަކުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސް ތެރޭގައި ހަޅުތާލުކުރާ މޭރުމުން އަމަލުކުރަމުންދާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

"ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބްރީފިންގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ ކްރިމިނަލް ކޯޓުން "ގެގް އޯޑަރ" އެއް ނެރެފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅުވައި ރައީސާ ސުވާލުކޮށްފައެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ޝަހުޒާން އެ އަމަލުކުރީ ކޯޓު އަމުރާ ޚިލާފަށް ކަމަށާއި، އެހެންކަމުން އެ މާލަމުން ނިކުތުމަށް އަންގަވާ ކަމަށެވެ. ޝަހުޒާން މާލަމުން ނެރުނީ ސެކިއުރިޓީންގެ އެހީތެރިކަމާ އެކުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިކަމުގެ ފާހަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ދީފައިވާ ލައިސެންސެއް ނޫނެވެ. "މި މާލަމަކު ކޯޓު އަމުރަކާ ހިލާފަކަށް ކަންކަމެއް ނުކުރެވޭނެ. ރޫލް އޮފް ލޯ ރައީސް އޮފީހުގެ ތެރޭގައި ހިފެހެއްޓޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެ އަމުރާ ޚިލާފުވާ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މި އަމުރަށް ގޮން ޖަހަމުންނެވެ.

ހިއްސާ ކުރައްވާ!