ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު، މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިންވެސް ގެންދެވިހެން ފައްޓަވާ މި ބައްދަލުވުންތަކުގައި މާލޭގެ އަވަށްތަކުގެ ބައްދަލުވުންތައް ވަގުތު އޮތް މިންވަރަކުން ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާހިނދަކު، ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ޕްރޮފެޝަންތަކުގެ ބައިބަޔާއެކު ވަކިވަކީން ބާއްވަވާ ބައްދަލުކުރެއްވުންތަކާއި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށްރަށަށް ޒިޔާރަތްކުރެއްވުންވެސް މި ބުރުގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ޙާލުބައްލަވާ، އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި 63 ރަށަކަށް އެމަނިކުފާނު ވަނީ ދެ ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އަބަދުވެސް މަސައްކަތް ކުރެއްވުމުގެ ބޭނުމުގައެވެ. "ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ކަންތައްތައް ގެންދިއުމުގައި ސީދާ އެމަނިކުފާނާއި ހަމައަށް ނާންނަ ބައެއް ކަންކަން ހުރޭ،" ރައީސް ވިދާޅުވިއެވެ. އެކަންކަން ޙައްލުކުރެއްވުމުގެ ވަރަށް ބޮޑު ބާރަކަށް މި ބައްދަލުކުރެއްވުންތައް ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދުކުޑަކުރުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕީސީބީން އަންގާފައިވާ އެންގުމާ އެއްގޮތަށް ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. މީގެ ތެރޭގައި މުވައްޒަފުން މަދުކުރުމާއި، ކުންފުނިތަކުގެ ހަރަކާތްތައް އިތުރަށް ސްޓްރީމްލައިންކޮށް އެފިޝަންޓްކުރުމަށް ގެނެވޭ ބަދަލުތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






