ޖަޕާނުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ހޮންޑާ މޮޓޯސްއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކުރި ބޮޑު ހޭދައާއި ގުޅިގެން، ވޭތުވެދިޔަ 76 އަހަރު ތެރޭގައި އެ ކުންފުންޏަށް ކުރިމަތިނުވާ ފަދަ ބޮޑު އަހަރީ ގެއްލުމެއް ލިބިފައިވާކަން މިއަދު އިއުލާންކޮށްފިއެވެ. މިއީ 1950 ގެ އަހަރުތަކުގައި އެ ކުންފުނި ހިއްސާގެ ބާޒާރަށް ނެރުނު ފަހުން ލިބުނު ފުރަތަމަ އަހަރީ ގެއްލުމެވެ.
މިދިޔަ މާރިޗު މަހުގެ ނިޔަލަށް ނިމުނު މާލީ އަހަރުގެ ނަތީޖާ ދައްކާގޮތުން، ހޮންޑާއަށް ވަނީ 2.7 ބިލިއަން ޑޮލަރުގެ ސާފު ގެއްލުމެއް ލިބިފައެވެ. މި ގެއްލުން ކުރިމަތިވީ އިލެކްޓްރިކް ވެހިކަލް (އީވީ) އުފެއްދުމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ކުރި 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކުން އެދެވޭ ނަތީޖާއެއް ނުލިބުމުގެ ސަބަބުންނެވެ. މިއީ ޗައިނާގެ ބީ.ވައި.ޑީ އަދި އެމެރިކާގެ ޓެސްލާ ފަދަ ކުންފުނިތަކާ ވާދަކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ހެއްކެއް ކަމަށް މާލީ މާހިރުން ސިފަކުރެއެވެ.
ހޮންޑާގެ ސީއީއޯ ތޮޝިހީރޯ މިބޭ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުންފުންޏަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި އީވީ މާކެޓް މަޑުޖެހުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އުފެއްދުމުގެ އަގު ހިފެހެއްޓުމާއި އާ އީޖާދުތައް ތައާރަފުކުރުމުގައި ވާދަވެރިކަން ކުޑަވުމަކީ ލިބުނު ބޮޑު ދެރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޗައިނާގެ ކުންފުނިތަކުން އުފެއްދުންތެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކާ ގާތަށްވެސް ހޮންޑާއަށް ދެވިފައިނުވާކަން ކުންފުނިން ގަބޫލުކުރެއެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިލެކްޓްރިކް ކާރުތަކަށް ދެމުންދިޔަ ޓެކްސް އިނާޔަތްތައް ކަނޑާލުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި އީވީއަށް އޮތް ޑިމާންޑް ހީކުރި ވަރަށްވުރެ ބޮޑަށް ދަށްވުމަކީވެސް މި ގެއްލުމުގެ ސަބަބުތަކެވެ.
މި ހާލަތާ ގުޅިގެން ހޮންޑާއިން ވަނީ ކެނެޑާގައި 11 ބިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކުރަން ނިންމި އީވީ ފެކްޓްރީގެ މަސައްކަތް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ކުންފުނިން މިހާރު ނިންމާފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް 15 އާ ހައިބްރިޑް މޮޑެލް ބާޒާރަށް ނެރުމަށެވެ. މީގެ ކުރިން އެމެރިކާގައި އުފައްދަން ނިންމި ތިން އީވީ މޮޑެލްއެއްގެ މަސައްކަތްވެސް މިދިޔަ މާރިޗު މަހު ވަނީ ހުއްޓާލާފައެވެ.
ނަމަވެސް، ކުރިއަށް އޮތް މާލީ އަހަރުގައި އަލުން ފައިދާވާން ފަށާނެ ކަމަށް ހޮންޑާއިން އުންމީދު ކުރެއެވެ. އެގޮތުން އިންޑިއާ ފަދަ ގައުމުތަކުގައި ސައިކަލް ވިއްކައިގެން ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.






