ޑައިވިންގ ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސަންސް ހިފަހައްޓައިފި، ރައީސް އޮޕަރޭޝަން ބައްލަވާލައްވައިފި

ވ. އަތޮޅު އަލިމަތާ ކައިރީގައި ހިނގި ނުރައްކާތެރި ޑައިވިން ހާދިސާއާ ގުޅިގެން، "އެމްވީ ޑީއުކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް މިނިސްޓްރީ އޮފް ޓޫރިޒަމުން ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައިފިއެވެ. މި ހާދިސާގައި ކަނޑުގެ 60 މީޓަރު އަޑީގައި ހުރި ހޮހަޅައެއްގެ ތެރޭގައި ތާށިވި އިޓަލީގެ ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. އަނެއް ހަތަރު މީހުން އަދިވެސް ތިބީ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުކުރު ދުވަހު ސިފައިންގެ ސާޗް އެންޑް ރެސްކިއު ޓީމުތަކާ ބައްދަލުކުރައްވައި، ކުރިއަށްދާ އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސް ވަނީ މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިހާތަނަށް ފެނިފައިވަނީ އުމުރުން 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް ހޮހަޅައިގެ ދޮރުމަތިންނެވެ. މި ހާދިސާގައި ގެއްލުނު އެހެން މީހުންނަކީ ޖެނޯއާ ޔުނިވާސިޓީއާ ގުޅުންހުރި އިލްމީ ބޭފުޅުންނެވެ. އޭގެ ތެރޭގައި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން މެރިން ބަޔޮލޮޖިސްޓުން ކަމަށްވާ މުރިއަލް އޮޑެނީނޯ އާއި ފެޑެރިކޯ ގުއަލްޓިއޭރީ ހިމެނެއެވެ.

ރާއްޖޭގައި މުނިފޫހިފިލުވުމަށް ކުރާ ޑައިވިންގެ އަޑިއަށްދިއުމަށް ހުއްދަ މިންގަނޑަކީ 30 މީޓަރު ކަމަށްވާއިރު، މި ގްރޫޕުން ޑައިވްކޮށްފައިވަނީ އޭގެ ދެގުނަ އަޑިއަށެވެ.

މިއުޅަނދަކީ ޓީވީ މުހުސިންގެ ކުންފުންޏެއްގެ އުޅަނދެއްކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެ ހޮހަޅައިގެ ފުރަތަމަ ބަޔަށް ވަދެވެނީ ވެސް 58 މީޓަރު އަޑިން ކަމަށާއި، އެއީ ޚާއްސަ ތަމްރީނާއި ގޭސް މިކްސްޗާ ބޭނުންކޮށްގެން ކުރަންޖެހޭ ޓެކްނިކަލް ޑައިވްއެއް ކަމަށެވެ. ގާނޫނީ އިމުން ބޭރުން މި ޑައިވް ކުރަން ހުއްދަ ދިން ސަބަބު ބެލުމަށް ރަސްމީ ތަހުގީގެއް ވަނީ ފަށާފައެވެ.

އެމްއެންޑީއެފްގެ އަށް ޑައިވަރުން ކުރި މަސައްކަތުން ހޮހަޅައިގެ ތިން ބައިގެ ތެރެއިން ދެ ބައެއް މިހާރު ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުންނާއި ޑިކޮމްޕްރެޝަންގެ ނުރައްކާ އޮތުމުން އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ. މި މަސައްކަތުގައި އެހީތެރިވުމަށް އިޓަލީގެ ދެ ތަޖުރިބާކާރުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، މޫސުން ގޯސްވުމުގެ ސަބަބުން ހޮހަޅައިގެ ތެރޭގައި ކަސަޑު ގިނަވެ ފެންނަ މިންވަރު ދަށްވުން ނުވަތަ އޮކްސިޖަން ޓޮކްސިސިޓީގެ މައްސަލައެއް ދިމާވުން ހިމެނޭ ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރެއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!