ފޮޓޯ: އެމްޑީޕީ ސޯޝަލް މީޑިއާ
ފޮޓޯ: އެމްޑީޕީ ސޯޝަލް މީޑިއާ

ހައްޔަރުކުރި ނޫސްވެރިންގެ ދިފާއުގައި ތިން ރައީސުން އެއްވި، ޖަވާބުދާރީވާން ޖެހިވަޑައިގަތީ އަމިއްލަ ދައުރުތަކުގެ ރެކޯޑުތަކަށް

ދިވެހިރާއްޖޭގެ ކުރީގެ 3 ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހުގެ ރޭ ފުރަތަމަ ފަހަރަށް އާންމުކޮށް އެކުގައި ބައްދަލުކުރައްވައި، ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއްގައި ސޮއިކުރައްވައިފިއެވެ. ނަމަވެސް، މި ބައްދަލުވުމުގައި އެ ބޭފުޅުންނަށް އަމާޒުވީ އެ ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި ކަމަށް ބުނާ މައްސަލަތަކުގެ ސުވާލުތަކެވެ.

އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ހައްޔަރުކުރުމާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި، ތިން ރައީސުން ވަނީ ގާތްގަނޑަކަށް 30 މިނެޓު ވަންދެން މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެ ބޭފުޅުން ނެރުއްވި ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ތިން ރައީސުންނަށް ކުރިމަތިލާން ޖެހުނީ އެ ބޭފުޅުންގެ އަމިއްލަ ވެރިކަމުގެ ރެކޯޑުތަކާއެވެ.

  • ރައީސް ނަޝީދުގެ ދައުރުގައި ނޫސްވެރިން ހައްޔަރުކޮށް އަނިޔާކުރި މައްސަލައާއި؛
  • ރައީސް ޔާމީންގެ ދައުރުގައި ޓީވީ ސްޓޭޝަންތައް ޖޫރިމަނާކޮށް ބަންދުކުރި މައްސަލައިގެ އިތުރުން؛
  • ރައީސް ސޯލިހުގެ ދައުރުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކޮށް ނޫސްވެރިންނަށް ހުރަސްއެޅި މައްސަލައިގައި ނޫސްވެރިން ވަނީ ސުވާލު އުފައްދާފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތިން ރައީސުންވެސް އެ ބޭފުޅުންގެ ސަރުކާރުތަކަކީ ފުރިހަމަ ސަރުކާރުތަކެއް ނޫން ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، މާފަށް އެދިވަޑައިގެންފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީ މައްސަލައާއި އަދީބަށް ދިން ލުއި

ކުރީގެ ރައީސް ސޯލިހަށް އެންމެ ބޮޑަށް އަމާޒުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދިން ލުއިތަކާ ގުޅޭ ސުވާލުތަކެވެ. އެކަމާ ގުޅިގެން ސޯލިހު ވިދާޅުވީ އަދީބަށް ލުއި ދިނީ ގާނޫނީ އިމުގެ ތެރެއިން ސިއްހީ ރިޕޯޓުތަކަށް ބަލައިގެން ކަމަށެވެ.

"ދެން އެކަމުގައި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ، މާފަށް އެދެންޏާ މާފަށް އެދެންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ދެކޭ ގޮތުގައި އެއީ ގޯސްކަމެއް ކަމަށްވާ ނަމަ، އެކަން އަޅުގަނޑު ބަލައިގަންނަން،" ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިހާބާއި ނުތަނަވަސްކަން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ނަޝީދު ކެންޑިޑޭޓެއްގެ ގޮތުގައި އިންނަވަނިކޮށް، ރައީސް ސޯލިހު ވަނީ ނަޝީދާ ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު އަވަހަށް، ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ބައެއް ނޫސްވެރިން ސުވާލުކުރުން ކުރިއަށް ގެންދިޔައެވެ.

ތިން ރައީސުން ސޮއިކުރެއްވި ބަޔާނުގައި ވަނީ ޝަހުޒާން އާއި ލީވާން ވަގުތުން ދޫކޮށްލުމަށާއި، އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. ނަމަވެސް، ތަފާތު ސިޔާސީ ފިކުރުތަކާއި މާޒީގެ ހިތްނުތަނަވަސްކަން ހުރި މި ތިން ބޭފުޅުންނަށް މިހާރުގެ ސަރުކާރާ ދެކޮޅަށް އެކުގައި ދެމިތިއްބެވޭނީ ކިހާ ދުވަހަކަށްތޯ މިއީ އަދިވެސް އުފެދިފައިވާ ސުވާލެކެވެ.

ހިއްސާ ކުރައްވާ!