ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވުމުން ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން ހުކުރު ދުވަހުގެ ރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު އަދި ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ އެ ތިން ބޭފުޅުންގެ އިއްތިހާދަކީ އަމިއްލަ އެދުމުން ފުރިގެންވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަބްދުއްރަހީމް: "މިއީ އަމިއްލަ އެދުމުގެ އެންމެ މަތީ ދަރަޖަ"
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު އެކުގައި މަސައްކަތް ކުރަން ސޮއިކުރެއްވި ތިން ބޭފުޅުންނަކީ މީގެ ކުރިން އެކަކު އަނެކަކަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، އެކަކު އަނެކަކު ޖަލަށްލައި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅުން ކަމަށެވެ. އެގޮތުން ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމާއި، އެމްއެމްޕީއާރުސީގެ ހިޔާނާތާއި، ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު އެމްޑީއެން ރިޕޯޓުގެ ހަނދާންތައް އޭނާ އައުކޮށްދެއްވިއެވެ.
"ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުން،ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުން،ސްޕްރީމްކޯޓްގެ ތަޅު އެޅުވުން،ޢަބުދުاللہ ގާޒީ ހައްޔަރުކުރުން،އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް،ސިޔާސީ ލީޑަރުން ހައްޔަރުކުރުން،ކަނޑު ވިއްކާލުން ވެންޓިލޭޓަރުގެ ވައްކަން. އެމްޑީއެންގެ ރިޕޯޓް މިހިރަ ހުރިހައިކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ واللہ اعلم" އަބްދުއްރަހީމް ލިޔުއްވާފައިވެއެވެ.
ފަލާހު: ތިން ރައީސުންނަށް ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ހައްގެއް ނެތް
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކޮށް ތިން ރައީސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރި ސުވާލުތަކަށް އެ ބޭފުޅުންނަށް ޖަވާބު ނުދެވުނު ކަމަށެވެ. ރިލްވާންގެ މަރާއި، ޔާމީންގެ ސަރުކާރުގައި ނޫސްވެރިންނަށް ކުރި އަނިޔާއާއި، ނަޝީދުގެ ސަރުކާރުގައި ނޫސްވެރިންނަށް ދިން ހުރަސްތަކާ ގުޅޭގޮތުން އެ ބޭފުޅުން ތިއްބެވީ ހަނު ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު ވަނީ ކޮންމެ ސަރުކާރެއްގައި ހިންގި ކަންކަން ތަފްސީލުކޮށްދެއްވާފައެވެ. ނަޝީދުގެ ސަރުކާރުގައި ފަނޑިޔާރަކު ވަގަށް ނެގުމާއި ކޯޓުތަކުގައި ތަޅު އެޅުވުން، ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުން، އަދި ސޯލިހުގެ ސަރުކާރުގައި ގައުމު ދަރަނިވެރިކުރުވުމާއި ކަނޑުން ބައެއް ވިއްކާލުން ފަދަ ކަންކަން ފަލާހު ފާހަގަކުރެއްވިއެވެ.
"ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ތިން ބޭފުޅުން. ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާށޭ ކިޔާ ބޭއްވި ނޫސް ކޮންފަރެންސްގަ ވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ މި ބޭފުޅުން އެދޭގޮތަށް. އެހެން ނޫނީ ހުއްޓުވާލީ. ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. ދެން މި މީހުނަށް ހޯދައި ދެވޭނީ ކޮން މިނިވަންކަމެއްތޯ؟ އެއްބަސްވި ލިޔުމުގައި، ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި،، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި. އަންނިވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކޯޓުތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރު ދައްކާފައި. ހ.ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި. ނޫސްވެރިން ގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލި. ފޯޅަވަހި ދޫކޮށްލި – އެވެސް ފައިސާއަށް ތޯއްޗެއް. މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެއު އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން." އިބްރާހިމް ފަލާހު
ހަލީލް: މިއީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ "ވަގުތީ ކައިވެންޏެއް"
ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މި އިއްތިހާދު ސިފަކުރެއްވީ ވެރިކަމަށް ދަހިވެތިވެފައިވާ ތިން ބޭފުޅަކު ސަރުކާރު ވައްޓާލުމަށް ކުރާ "ވަގުތީ ކައިވެންޏެއް"ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ނަޝީދަކީ ދައުލަތުގެ މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދިން ބޭފުޅެއް ކަމަށާއި، ޔާމީނަކީ އެންމެ ބޮޑު ކޮރަޕްޝަން ހިންގި ބޭފުޅާ ކަމަށެވެ. އަދި ސޯލިހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި ބޭފުޅާ ކަމަށް ހަލީލް ވިދާޅުވިއެވެ.
"ތިން ރައީސުންގެ ބައްދަލުވުމޭތޯއެވެ. ސިފަ ކުރެވެނީ ބާރުތައް މުށުތެރެއަށް ލުމަށް އިންތިހާއަށް ދަހިވެތިވެފައި ތިބި ތިން ފަރާތެއް ގައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލެވޭތޯ ވަގުތީ ކައިވެންޏަކަށް ތައްޔާރުވާ މަންޒަރުތަކެކެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ބުނާކަހަލައެވެ. – ތިޔައީ ވެރިކަމުގެ ތަޚުތުގައި އިންނަވަން ގައުމުގެ އެތައް ފަޅުރަށެއް ނުހައްގުން ގާތް މީހުނަށް ބަހާލި ބޭފުޅާ އެވެ. އެތައް ބަޔަކު މަގުތަކަށް ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި، 280 މިލިޔަން ރުފިޔާގެ ގެއްލުން ރައްޔިތުންނާއި ދައުލަތަށް ދިން ބޭފުޅާ އެވެ. – ތިޔައީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގި ބޭފުޅާ އެވެ. ނުހައްގުން އެތައް ބަޔަކު ޖަލަށްލި އަނިޔާވެރި އެކެވެ. ނޫސްވެރިކަން ފޮއްޓަކަށްލާ ތަޅުލި ބޭފުޅާ އެވެ. – ތިޔައީ ރާއްޖޭގެ ސަރަހައްދުން ބަޔަކާއި ފޯޅަވަހީގެ މައްޗަށް އޮތް ރާއްޖޭގެ ކްލެއިމް އަމިއްލަ ފައިދާއަށް ދޫކޮށްލި ބޭފުޅާއެވެ، އިންތިހާއަށް ރާއްޖެ ދަރުވާލި ބޭފުޅާ އެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގައި ފަލަކޮށް ކޫރުން އަޅުވާލި ބޭފުޅާ އެވެ. ނޫސްރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވި ބޭފުޅާއެވެ. ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން މި ތިން ބޭފުޅުން ދައްކަން އޮތީ ކޮން ވާހަކައެއްތޯ ހިތަށް އަރައެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. ޑރ. އަބްދުﷲ ޚަލީލް
ޕީއެންސީން މި އިއްތިހާދު ސިފަކުރަނީ ޑިމޮކްރެޓިކް ހަރަކާތެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ސިޔާސީ ގޮތުން ބާކީވެފައިވާ ތިން ބޭފުޅަކު އަމިއްލަ މަސްލަހަތަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައެވެ. މި ބޭފުޅުންގެ އިއްތިހާދަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު އެނގޭނީ ކުރީގެ ސަރުކާރުތަކުގެ ހަނދާންތައް ރައްޔިތުންގެ ކިބައިގައި ހުރި މިންވަރަކުން ކަމަށް ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވިއެވެ.


