މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ފުން ހިތާމައެއް: ރައީސް

ގެއްލިފައިވާ ފަތުރުވެރިން ހޯދުމަށް ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ނިޔާވީ މއ. ޖަމްބުގަސްދޮށުގެ، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީ (43އ) އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މަހުދީ ނިޔާވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހުދީ ދިވެހި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގައެވެ. މިއަދާ ހަމައަށް އޭނާ ވަނީ ސިފައިންގެ ޚިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާފައެވެ.

"މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވަން. ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން" ރައީސުލްޖުމްހޫރިއްޔާ

ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ނުރައްކާތެރި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭގައި ތާށިވެފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، "މަރްޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ."

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މަހުދީއަކީ ދައުލަތުގެ ޝަރަފުގައި ވަކިވެގެންދިޔަ އަގުހުރި ސިފައިންގެ ބޭކަލެއް ކަމަށެވެ. "ދިވެހިޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ އަގުހުރި ސިފައިންގެ ބޭކަލެކެވެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ. މަހުދީގެ ވަކިވުމާ ގުޅިގެން ދައުލަތުގެ އިސްވެރިންނާއި އާންމު ރައްޔިތުން ދަނީ އާއިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ.

ހިއްސާ ކުރައްވާ!